މަޞްލަޙަތު ނަގައިލުމަށް އޮޅުވާލައިގެން ވާހަކަ ނުދެއްކުމަށް ރައީސް އެދިވަޑައިގެންފި

ކަންކަމުގެ ޙަޤީޤަތް އެނގި ތިބެ، މަޞްލަޙަތު ނަގައިލުމަށްޓަކައި އޮޅުވާލައިގެން ވާހަކަ ނުދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފި އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދީނީ ޢަޤީދާގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައި އޮތް އެއްބައިވަންތަކަމަކީ ދިވެހިންގެ މިނިވަންކަމާއި ޤައުމީ ސިޔާދަތު ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިސްލާމްދީން ގެނެސްދިން ރިވެތި ސިފަތަކާއި ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރެއްވި އެވެ. އަދި އިސްލާމް ދީނަކީ ޞުލްޙަޔާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީންކަން ފާހަގަކުރައްވައި އެސިފަތައް މުޖްތަމަޢުގައި ދެމެހެއްޓުމަށްޓަކައި ކޮންމެ ކަމެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހަމަ އެހެންމެ، ކަންކަމުގެ ޙަޤީޤަތް އެނގި ތިބެ، މަޞްލަޙަތު ނަގައިލުމަށްޓަކައި އޮޅުވާލައިގެން ވާހަކަ ނުދެއްކުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަގޮތެއްގައި އިލްތިމާސްކުރެއްވި އެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ ޗާގޯސްގެ ކަނޑުގެ ސަރަޙައްދާ ގުޅޭގޮތުން ފަތުރާ ހަޤީޤަތާ ޚިލާތު ބައެއް ބައެއް ވާހަކަތަކަށް އަލިއަޅުވާލައްވައި އެކަންކަން އޮތްގޮތް ސާފުކޮށްދެއްވާފަ އެވެ.

މި މައްސަލައިގެ ބައެއް ތާރީޚްތައް ސާފުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލަ އަކީ ޙައްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ މައްސައެއްކަން ފާހަގަކުރައްވާފަ އެވެ.

އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށް، އޭރު އެއްބަސްވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިކަންކަން ފާހަގަކުރައްވަމުން، މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުން މިމައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައިކަމާއި ވަކި ސަރުކާރާކާއެކު ނޫންކަން ފާހަގަކުރެއްވި އެވެ. އަދި ހަމައެހެންމެ، މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި ވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައި ވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން، ޤާނޫނުއަސާސީގައި ސާފުކޮށް އޮންނަކަމާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދާ ފުށުއަރާ ނަމަ ޢަމަލުކުރާނެ ގޮތް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.

އެހެންނަމަވެސް މިކަންކަން މިހެންހުރި ނަމަވެސް މި މައްސަލައިގައިވެސް ވަކި މީހެއް ނުވަތަ ވަކިބައެއްގެ އަމިއްލަ ބޭނުމަކަށް، ނުވަތަ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް، އަދި ކަމުގެ ޙަޤީޤަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

މި ޖަލްސާގައި، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާއާ ގުޅުވައިގެން ޚާއްޞަ ދުޢާއެއް ކުރެއްވުން އޮތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.