ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައި ނެތް ބާރެއްގެ ބޭނުން ކުރައްވައިގެން އިބްރާހިމް މުހައްމަދު ސާލިހު ގެންދަވަނީ ރައްޔިތުންގެ މުދަލާއި ގައުމުގެ ހަރު މުދަލަށް ޚިޔާނަތްތެރިވެ ވަޑައިގަންނަވަމުން ކަމަށް އިދިކޮޅު ޕީޕީއެމް ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެގޮތުން އުތުރު ތިލަފަޅު އެއްބަސްވުންވެސް ރައްޔިތުންގެ ޚާދިމުންނަށް ސިއްރުކޮށް ފޮރުވިހެން ޗާގޯސް މައްސަލަ ވެސް ސަރުކާރުން ގެންދަނީ މަޖިލީހަށް ސިއްރުކޮށް ރައްޔިތުންނަށް އޮޅުވާލަމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ފޯޅަވަހި މައްސަލާގައި ރައީސް ސާލިހު ހަނު ހުންނެވުމުން ކުށަށް އިއުތިރާފު ވެވަޑައިގަންނަވާކަން ދަލީލު ކޮށްދޭ ކަމަށާއި ފޯޅަވަހި މައްސަލައިގައި ސަރުކާރުން މޮރިޝަސް ކޮޅަށް ޖެހުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ޕޯޗުގީޒު ވަރުގެ ބޮޑު ސަރަހައްދެއް ގެއްލިގެން ދާނެ ކަމަށެވެ.
ޖީއެމްއާރުއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލި އުސޫލުން މި ސަރުކާރުން ވަނީ ޗާގޯސް މައްސަލައިގައި ވެސް އިންޑިއާ އަތުން ފައިސާ ނަގައިގެން ރާއްޖޭގެ ކަނޑު ވިއްކާލައިފައި ކަމަށް ވެސް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވާފަ އެވެ.
އަންނައަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ޔާމީން އަތޮޅުތަކަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި ދ. ކުޑަހުވަދޫ އަށާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފަ އެވެ. އަދި ނ އަތޮޅަށް ކުރައްމުން ގެންދަވާ ދަތުރުފުޅުގައި ނ. ކެނދިކުޅުދޫގެ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫއަށް ވަޑައިގަންނަނަވާނެ އެވެ.
މީގެ އިތުރުން ޔާމީން އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އެ ޕާޓީއިން ވަނީ ހާމަކޮށްފަ އެވެ.