މަޖީދިއްޔާއަކީ ތަރައްޤީ އާއި ތަހުޒީބުގެ ކުރިބޯށިތައް ދިވެހިންނަށް ދައްކައިދިން ހައިބަވެތި ބިނާއެއް: ރައީސް ސާ:ލިހު

މަޖީދިއްޔާއަކީ ތަރައްޤީ އާއި ތަހުޒީބުގެ ކުރިބޯށިތައް ދިވެހިންނަށް ދައްކައިދިން ހައިބަވެތި ބިނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރިގެންދާއިރު، އެ މުއައްސަސާއަކީ ހަމައެކަނި މަދަރުސާއެއް ނޫންކަމަށާއި، މިއީ ދިވެހިންގެ ފަޚުރާއި ޝަރަފްގެ ރަމްޒެއް ކަމަށެވެ.

މީގެ އިތުރުން ވެސް އެންމެ އިހުއްސުރެވެސް ދިވެހިންނަކީ ތަޢުލީމަށް ލޯބިކުރި ބައެއްކަމުގައި ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ތަޢުލީމީ ކަންކަން ކުރިއަރަމުން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފަ އެވެ. އެގޮތުން 1927 ވަނަ އަހަރުގެ އެޕްރީލް 19 ވަނަ ދުވަހު، މަދަރުސަތުއް ޞަލާޙިއްޔާ ވުޖޫދަށް އައުން އެއީ މަޖީދިއްޔާ ސްކޫލްގެ ފެށުންކަމަށާއި، މުޅި ދިވެހި އުންމަތަށް ތަޢުލީމުގެ އަލިކަން ފެތުރިގެން ދާން ފެށީ އެ މަދަރުސާ އުފަންވި ހިސާބުންކަމުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މިއަދާ ހަމައަށް ރާއްޖޭގެ ތަޢުލީމީ ޙަޔާތް އައިއިރު، ވަރަށް ތަފާތު މަރުޙަލާތައް ދިވެހިން ކަޑައްތު ކޮށްފައިވާ ކަމަށާއި، އެގޮތުން ގެންގުޅުނު އެކި އެކި ތަފާތުތައް ނައްތާލައި، މިއަދު ޢިލްމު އުނގެނުމަކީ، ވަކި ޖިންސެއް ތަފާތުނުކޮށް، ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ޙައްޤެއްކަމަށާއި، ކޮންމެ ކުއްޖަކަށް ވެސް، ފަށާ ތަޢުލީމާއި މެދު މަދަރުސީ ތަޢުލީމް ދިނުމަކީ، އެ ކުދިންގެ މައިންބަފައިންނާއި ދައުލަތުގެ މައްޗަށް ޤާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދިއްޔާ ސްކޫލަށް 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޚިދުމަތުގެ ޝަރަފު އަރުއްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މަޖީދިއްޔާ ސްކޫލަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޚިދުމަތުގެ ޝަރަފު އަރުއްވާފަ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކި ގޮތްގޮތުން ސްކޫލަށް އެހީތެރިވެދެއްވާފައިވާ ކުންފުނިތަކަށް ހަނދާނީ ފިލާ ދެއްވާފަ އެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ސަރުކާރުގެ އިސްވެރިންނާއި، މަޖީދިއްޔާ ސްކޫލުން ތަޢުލީމް ހާސިލްކޮށްފައިވާ ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.