ފުލުހުންގެ ހައްޔަރުގައި ހުއްޓާ މިއަދު ނިޔާވި މީހާ، ނިޔާވުމުގައި ފުލުހުންގެ އިހުމާލެއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ގދ. ހޯނޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި މިއަދު ހައްޔަރު މީހަކު ހަވީރުގެ ވަގުތެއްގައި ނިޔާވުމާއި ގުޅިގެން ނެވެ.
އިމްރާން ވިދާޅުވީ ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކު ނިޔާވެފައި ވާތީ އެކަން ޕްރޮފެޝަނަލް ސްޓޭންޑާޑްސްއިން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކުން ވެސް އެ މައްސަލަ ހާއްސަ ސަމާލުކަމަށް ދީގެން އަވަހަށް ބެލުމަށް އެދިވަޑައިގެންފައި ވެއެވެ.
މި މައްސަލާގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ސާބިތު ވެއްޖެނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
މެޔަށް ތަދެއް އަރައި، ފިޓް ޖެހެން އުޅޭ ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް އެ ސެންޓަރުން އެމީހާ ބެލި ޑޮކްޓަރުން ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ހާދިސާ އާ ގުޅޭ މައުލޫމާތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހިއްސާ ކޮށްފައިވާ ކަމަށާއި މި ހާދިސާ ތަހުގީގުކޮށް ދިނުމަށް ވެސް އެދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.