ދިރާގު ޓީވީގެ ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ޤަވާއިދަށް މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން (އެމްބީސީ) އިން މިއަހަރު ގެންނެވި ބަދަލާއި ގުޅިގެން ދިރާގު ޓީވީ ލައިސަންސް އައުކުރުމުގެ ފުރުސަތު މިވަގުތު ދިރާގަށް ބަންދުވެފައި ވީނަމަވެސް، އެކުންފުނިން ތިބީ ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.
ދިރާގުން ބުނީ މިކަމާއި ގުޅިގެން ކަމާއި ބެހޭ މުއައްސަސާތަކާއި އެމްބީސީ އާއި މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ދިރާގަށް ލައިސަންސް އައުކުރެވޭނޭ ގޮތެއް ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަކަމަށެވެ.
އެހެންނަމަވެސް މިކަމުގައި ހައްލެއް ނުލިބިއްޖެނަމަ، މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ޚިދުމަތުގެ ލައިސެންސް ޖަނަވަރީ 2023 ގައި މުއްދަތު ހަމަވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ ކަމާއި ބެހޭ މުއައްސަސާތަކާއިއެކު ކުރިއަށްގެންދާ މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް އިތުރު މައުލޫމާތު ކަސްޓަމަރުންނާއި ޙިއްސާކުރާނެކަމަށެވެ.
ދިރާގު ޓީވީފެށުމާއި އެކު ކަސްޓަމަރުންގެ ފަރާތުން އެޚިދުމަތަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެން ދިޔަކަން ފާހަގަކުރާ ކަމަށާއި މިކަމަށްޓަކައި ދިރާގު ޓީވީ ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ބޭނުން ކުރައްވަމުންދާ އެތައް ހާސް ކަސްޓަމަރުންނަށް އެ ކުންފުނިން ވަރަށް އިޚުލާސްތެރިކަމާއި އެކު ޝުކުރުދަންނަވާ ކަމަށް ވެސް ދިރާގުން ބުނެއެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް ދެމުންދާ މިޚިދުމަތް ކުރިޔަށް ގެންދެވޭނޭ ގޮތެއް ވޭތޯ ބެލުމަށް އަދިވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ޓީވީގެ ޚިދުމަތް ކުރުމުއްދަތެއްގެ ތެރޭގައި ރަނގަޅު ފެންވަރެއް ގައި ފޯރުކޮށްދީ، އަގު ގައި އެއްވެސް ތަފާތު ކުރުމެއްނެތި 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ ހައި ޑެފިނިޝަން ގައި ރާއްޖޭގެ %85 ގޭބިސީއަށް (90 ރަށަށް) ލިބުމުގެ މަގު ވަނީ ފަހިކޮށްދީފަ އެވެ.