މިއަހަރުގެ ޒުވާނުންގެ އިނާމް 10 ފަރާތަކަށް!

މިއަހަރުގެ ޒުވާނުންގެ އިނާމް 10 ފަރާތަކަށް ދީފި އެވެ.

ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެވެ.

މިއަހަރުގެ ޒުވާނުންގެ އިނާމު ލެއްވި ފަރާތްތައް:

  • މުހައްމަދު ޖައިލަމް، ޝާދީ ވިލާ ގދ. ފިޔޮރީ ، - ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން

ޖަވާބު ޕްރައިވެޓް ލިމިޑެޓްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ. ޖަވާބު އެކަޑަމީގެ ނަމުގައި ވެބް ޑިޒައިނިން އާއި ގްރެފިކްސް ޑިޒައިނިންގެ ކުލާސްތައް ނަގާދީފައި.

  • ނީޝާ ހަލީމް، މއ. ކޮކޯމާ، މާލެ. ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން

ނީޝާ ހަލީމް އަކީ ގައުމީ އަންހެން ނެޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަން ކުރައްވާ ނެޓްބޯޅައަށް ގިނަ ހިދުމަތްތަކެއް ކުރައްވާ ފަރާތެކެވެ. 1995 ވަނަ އަހަރު ނެޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކުޅިވަރުގެ ތެރެއަށް ތައާރަފްވި ކުޅުންތެރިއެކެވެ. ނެޓްބޯޅައިގެން ކޯޗިން ދާއިރާގައި ކުޅުންތެރިން ތަމްރީނު ކުރުމަށް 14 އަހަރު މަސައްކަތް ކުރައްވާފައިވެއެވެ. ނީޝާ އަކީ 2002 ވަނަ އަހަރުން ފެށިގެން އެން ސްޕޯޓްސް އެކަޑަމީގެ ނަމުގައި އެކަޑަމީއެއް ހުޅުވައިގެން ކުޅުންތެރިން ތަމްރީނު ކުރަމުން އަންނަ ޒުވާނެކެވެ.

  • ފިރާޝާ މުހައްމަދު، ރިލީފް، ހދ. ހަނިމާދޫ - ދަރުމަވެރިކަމުގެ ދާއިރާއިންދޭ ޒުވާނުންގެ އިނާމް

ފިރާޝާ އަކީ ގާލްގައިޑްގެ މަގްސަދުތައް ހާސިލް ކުރުމަށް އަންހެނުންނާއި އަންހެން ކުދިން ތަމްރީނު ކުރުމަށް ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތެކެވެ. ގާލްގައިޑްގެ ހިދުމަތް ކުރުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ފިރާޝާ އަކީ 2003 ވަނަ އަހަރު ޕްރެސިޑެންޑްސް އެވޯޑް ހާސިލްކޮށްފައިވާ ޒުވާނެކެވެ. އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ، އިންޓަނެޓްގެ ރައްކާތެރިކަން ފަދަ ކަންކަމުގައި މީހުން ހޭލުންތެރިކުމުގެ މަސައްކަތުގައިވެސް ފިރާޝާގެ ދައުރު ފާހަގަ ކުރެއެވެ.

  • ސާޖަންޓް އަބްދުﷲ ޝަހުނީޒް، އޯކިޑްމާގެ، ނ. ޅޮހި - ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމުގެ ދާއިރާ

ހިލޭ ސާބަހަށް ގިނަ މަސައްކަތް ކުރާ ސާޖަންޓް އަބްދުﷲ ޝަހުނީޒަކީ ލީޑަރޝިޕްގެ ދާއިރާއަށް ޒުވާނުން ނެރުމަށް މަސައްކަތް ކުރާ ޒުވާނެކެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ނަމޫނާ ޒުވާނެއް ކަމުގައިވާ ޝަހުނީޒަކީ އެމްއެންޔޫ ޔޫނިއަން ހުރިހާ ކެމްޕަހެއްގައި ސްޓޫޑެންޓް ޔޫނިއަން އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި ފަރާތެކެވެ. އަދި އިޖްތިމާއީ ގިނަ މަސައްކަތްތަކެއް ކުރައްވާ، ވޮލަންޓްރީ މަސައްކަތަށް ޒުވާނުން ނެރުމަށް މަސައްކަތް ކޮށްފައިވެއެވެ.

  • އަލީ އަމީރު، ލަކީސްޓާރ ދ. ބަނޑިދޫ - ދިވެހި ބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާއިން

އަލީ އަމީރަކީ ދިވެހި ބަހާއި ސަގާފަތަށް އަދި ހާއްސަކޮށް ވާހަދެއްކުމުގެ ފަންނު ކުރިއެރުމުމަށް ހާއްސަ އިސްކަމެއްދޭ ޒުވާނެކެވެ. އަމީރަކީ ދިވެހި ބަހާއި އަދަބިއްޔާތަށް މީހުން ބިނާ ކުރުމާއި، ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތްތަކުގައި ފަނޑިޔާރެއްގެ މަގާމު އަދާކޮށްފައިވާ ކަންވެސް ފާހަގަ ކުރެވެއެވެ.

  • އަބުދުﷲ ޝަފީއު، ހިސާން، ހދ. ވައިކަރަދޫ - ފަންނުވެރިކަމުގެ ދާއިރާއިން

އަދަދު ނޫހުގެ ވިޝުއަލް އެޑިޓަރެއްގެ މަގާމު އަދާކުރައްވާ ޝަފީއު އަކީ ބޮޑު އަކުރު އެޅުމުގެ ތެރެއިން ގިނަ މީޑިއާތަކެއްގެ ލޯގޯ ފަރުމާކޮށްފައިވާ އެ ފަންނުގެ ފުންނާބު އުސް ހިދުމަތްތެރިއެކެވެ. އެންކްރިއާގެ ނަމުގައި އަމިއްލަ ކުންފުންޏެއް ރަޖިސްޓްކޮށް، އާޓް ޑިރެކްޓަރެއްގެ މަގާމު އަދާކުރައްވާ ޝަފީއު ވަނީ ސާޕް ޗެމްޕިއަންޝިޕްގެ މުޅި ބްރޭންޑިންގެ މަސައްކަތް އެންކްރިއާއިން ކުރިޔަށް ގެންގޮސްފައެވެ. އަދި އެހެންނިހެން ކުޅިވަރު މުބާރާތްތަކުގައި ގްރެޕިކްސް އާއި ވިޝުއަލް އާޓްސްގެ މަސައްކަތް ކޮށްފައިވާ ޒުވާނެކެވެ.

އޭނާ އަކީ މި ދާއިރާއިން ހިލޭ ސާބަހަށްވެސް ގިނަ މަސައްކަތްތެއް ކޮށްފައިވާ ޒުވާނެކެވެ. އެގޮތުން މުސްހަފް މާލްދީފްގެ ބޭރުގަނޑާއި އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތައް ހެދުން ފަދަ މަސައްކަތްތައް ފާހަގަ ކުރެއެވެ.

  • އާފިރު މުހައްމަދު، އައްސޭރިވިލާ، ގދ ރަތަފަންދޫ - މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާއިން

އާފިރަކީ ޖާނީގައި ވޮލަންޓިއަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރާ ޒުވާނެކެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހުނު މި ޒުވާނާ ވަނީ މަސްތުވާތަކެތިން ސަލާމަތްވެ ގަދަ ހިތްވަރާއެކު ޒުވާނުން މި ވަބާއިން ދުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭނާ އަކީ މިއަދު މޯލްޑިވްސް ކަސްޓަމުގައި މަސައްކަތް ކުރާ ނަމޫނާ ޒުވާނެކެވެ.

  • އަލީ ރަޝީދު، މޯނިން ހައުސް. ލ އިސްދޫ - ދަނޑުވެރިކަމުގެ ދާއިރާއިން ޒުވާނުންގެ އިނާމު

އަލީ ރަޝީދު މިދާއިރާއަށް ވަނީ އާއިލާގެ މެންބަރުންގެ ތަޖްރިބާގެ އަލީގައެވެ. ސްރީލަންކާއިން ޑިޕްލޮމާ އިން  ޓީޗިން ޕްރައިމަރީ ކޯސް ފުރިހަމަ ކޮށް، ރަށަށް ބަދަލުވެ ދަނޑުވެރިކަމުގެ ތެރެއަށް ވަން ޒުވާނެކެވެ. އޭނާއަކީ 2020 ވަނަ އަހަރުން ފެށިގެން އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށްގެން ދަނޑުވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނެކެވެ. އިސްދޫ ސުކޫލު ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނޑުވެރިކަމުގައި 8 އަހަރު ހޭދަކޮށްފައިވެއެވެ. އަދި ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކޮށްދީ ލުއިފަސޭހަ ގޮތަކަށް ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ދަސްކޮށްދިނުމުގައިވެސް އޭނާގެ ދައުރު ފާހަގަ ކުރެވެއެވެ.

  • އިބްރާހިމް ޝަރީފް ހަސަން ،އުރަހަ، ޅ ހިންނަވަރު - ވޮކޭޝަނަލް ޓްރޭނިންގެ ދާއިރާއިން

ކަރަންޓް ވަޔަރިންގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަ ކުރެވޭ ޝަރީފަކީ، ވޮކޭޝަނަލް ޓްރޭނިންގެ ދާއިރާއިން އެކި އިދާރާތަކުން ހިންގާ ކޯސްތައް ފަރުމާ ކުރުމާއި އިރުޝާދު ދިނުމުގައި އަދި ކިޔަވައިދިނުމުގައިވެސް ހަރަކާތްތެރިވާ ޒުވާނެކެވެ. އޭނާ ވަނީ އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމުގެ ފައިދާ އާއި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރާނެ ގޮތް ބުނެދިނުމާއި، ވްކޭޝަނަލް ޓްރޭނިންގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރާ ފަރާތެކެވެ. މީގެ އިތުރުން އިމާދުއްދީނު ސުކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވޮލަންޓިއަރ ކޮށް ކިޔަވައިދީފައިވެސް ވެއެވެ.

  • އަހުމަދު އަހުނަފް ފިރާގް،  އަސަރީގެ. އއ. ރަސްދޫ - ނެޝަނަލް ޔޫތް އެމްޕަވާރމަންގެ ދާއިރާއިން ޔޫތް މިނިސްޓަރ ދެއްވާ ހާއްސަ އިނާމު

އަހުމަދު އަހުނަފް އަކީ ރާއްޖޭގެ ޒުވާން ވޮލަންޓިއަރުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ފަރާތެވެ. އިންޓަނޭޝަނަލް ޔޫތް ޑޭ ގައި ބައިވެރިވެ ބައިނަލްއަގްވާމީ ގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ރާއްޖެ ތަމްސީލުކޮށްފައިވާ ޒުވާނެކެވެ.

އަހުނަފަކީ 2022ގެ ވޯލްޑް ޔޫތް ފޯރަމްގެ ރެޕެޓުއާގެ މަގާމު އަދާކުރާ ފަރާތެވެ. އަދި ކޮމަންވެލްތް ޔޫތް ކައުންސިލުގައި ރާއްޖެ ތަމްސީލުކުރާ އެއް މެންބަރެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޒުވާނުންގެ ވަޒީރާއި، ދައުލަތުގެ ވަޒީރުންނާއި އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.