އަޅުގަނޑުމެން މިއަދު ވިސްނަންވީ ދިވެހި ޤައުމިއްޔަތާ ދެކޮޅަށް ދެމުންދާ ޙަމަލާތަކުން ދިފާޢުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ ގައުމީ އިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ޙަމަލާތަކުގެ ހަތިޔާރަކީ ކަނޑިބަޑިއާއި ސިލޭހައެއް ނޫން ކަމަށާއި އަމާޒުކުރަނީ އަޅުގަނޑުމެންގެ ޖިސްމަކަށް ނުވަތަ ފުރާނައަކަށް ވެސް ނޫންކަމަށެވެ. އަދި އެ ޙަމަލާތައް އަމާޒުކުރަނީ އަޅުގަނޑުމެންގެ ވިސްނުމަށާއި ފިކުރަށް ކަމަށެވެ.
ޤައުމިއްޔަތަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ ކަމަށާއި އެ ހަނގުރާމައިން ދިފާޢުވެ، ޤައުމިއްޔަތު ދިރުވުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އުފައްދަންވީ ޤައުމީ ލޯބި ކަމަށާއި ޅަދަރިންގެ ހިތްތަކުގައި އަށަގަންނުވަންވީ ޙުއްބުލް ވަޠަން ކަމަށް ވެސް ވިދާޅުވި އެވެ.
ޤައުމު ދެކެ ތިމާ ލޯބިވާންވީ، އެ ޤައުމުން ތިމާއަށް ލިބޭ މަންފާއަކަށްޓަކައި އެކަންޏެއް ނޫން ކަމަށާއި ޤައުމު ދެކެ ލޯބިވާންވީ، އެ ބިމަކަށް ތިމާ އުފަންވީތީ، އެ ފަސްގަނޑަށް ތިމާ ނިސްބަތްވީތީ، އަދި އެ ވަޒަނެއްގައި ތިމާގެ ވަންހައާއި ނަސްލު ދެމިއޮތަތީ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވި އެވެ.
ޤައުމިއްޔަތު ދިރުވުމަކީ، އެ ޤައުމެއްގެ އެންމެހައި ސިފަތަކާއި އަގުތަކަށް ލޯބިކުރުން ކަމަށާއި އެ ޤައުމެއްގެ ކީރިތިކަމާއި ހައިބަވަންތަކަން ޤަބޫލުކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޤައުމިއްޔަތުގެ އެންމެހައި ރުކުންތައް ދަމަހައްޓައި ނެގެހެއްޓުން ކަމަށާއި އެބައެއްގެ އެއްމެދު ޤަބޫލުކުރުންތަކާއި ހަމަތަކަށް އިޙްތިރާމްކުރުން ކަމަށެވެ.