ލާމެހިފައިވާ ދުނިޔެއެއްގައި ދިރިއުޅެމުންދާއިރު އެހެން ޤައުމުތަކާއެކު ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މިއީ ޤައުމިއްޔަތު ދިފާއުކުރުމުގައި އެހާމެ ބޭނުންތެރިކަމެއްކަން ވެސް އެފާހަގަކުރައްވާ އެމަނިކުފާނުގެ ވާހަކަފުޅުގައި ޤައުމިއްޔަތުގެ ރޫޙު އާލާކޮށް ޤައުމުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ވަކިވަކި ފަރުދުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި ކޮންމެ މީހަކީވެސް ފަރުދުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، މުޖްތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހަކަށް ވުމަށް އިލްތިމާސް ކުރެއްވި އެވެ.
ރޭގެ ޙަފްލާފަދަ މިފަދަ ކޮންމެ ޙަފްލާއަކީ ވެސް ޤައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކާމެދު ވިސްނައި އަދި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރަންޖެހޭ ކަންކަމާމެދު ވިސްނުން ހިންގެވުމަށް މުހިންމު ފުރުޞަތެއްކަން ފާހަގަކުރެއްވި އެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްތިޢުމާރީ އަޅުވެތިކަމުން، ރާއްޖެ ސަލާމަތްކުރުމާއި ރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތު ހިމާޔަތްކޮށްދެއްވުމަށް އުތީމު ތިން ބެއިންނާއި ދެހާޖީންނާއި ދަންޑަހެލު ކުރި ޤައުމީ ޖިހާދުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައިފަ އެވެ. އަދި، ބޮޑުތަކުރުފާނުގެ ޖިހާދު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތަށް މިއަދު ޙަމަލާތައް ކުރިމަތިވަނީ ކަނޑިބަޑިއާއި ސިލޭހައިގެ ބަދަލުގައި ވިސްނުމާއި ފިކުރަށް ކަމުގަ އެވެ.
އެހެންކަމުން މި ފިކުރީ ހަނގުރާމައިން ދިފާޢުވެ، ޤައުމިއްޔަތު ދިރުވުމަށްޓަކައި އެންމެންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް މަސައްކަތް ކުރަންޖެހޭކަމާއި އަދި ޅަދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭގެ ޖަލްސާގައި ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށާއި މި ޖަލްސާގައި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުނު، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފަ އެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާގެ އިތުރުން ކުރީގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ދެކަނބަލުންގެ އިތުރުން ވަޒީރުންނާއި ދަޢުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި އެވެ.