ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ރާއްޖެއަށް އިތުރު އެވޯޑުތަކެއް

ކެންޔާގެ ކެންޔާޓާ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރު (ކޭއައިސީސީ) ގައި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އަދި އިންޑިއަން އޯޝަން ގާލާ ރަސްމިއްޔާތުގައި ރާއްޖެއިން މިވަނީ އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން 2022 ޓައިޓަލްގެ އިތުރުން މުހިންމު އެވޯޑުތަކެއް ކާމިޔާބު ކޮށްފައެވެ.

މި އެވޯޑުގެ އިތުރުން ރާއްޖެއިން ވަނީ އިންޑިއަން އޯޝަންގެ ލީޑިންގ ބީޗް ޑެސްޓިނޭޝަން އާއި އިންޑިއަން އޯޝަން ލީޑިންގ ޑައިވް ޑެސްޓިނޭޝަންގެ މަގާމުވެސް ހާސިލުކޮށްފައެވެ. މީގެ އިތުރުން އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑުގެ ލަގަބު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ކާމިޔާބުކޮށްފައިވާކަން އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ފާހަގަ ކުރަމެވެ.

މި އެވޯޑްތައް ރާއްޖެއަށް ލިބިފައި  މިވަނީ ރާއްޖޭގައި ޓޫރިޒަމްގެ ރަންޔޫބީލް އަހަރުގައި ކަމަށްވުމާއެކު މިއީ ދިވެހިރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިގެންދާ ޚާއްޞަ އުފަލެއްކަން ފާހަގަކުރަމެވެ.  ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާގެ ގޮތުގައި ބެލެވޭ ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ޓްރެވަލް ޓްރޭޑް، ޓޫރިޒަމް، އަދި ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ މުހިންމު ހުރިހާ ދާއިރާތަކަކާއި ސެގްމަންޓްތަކެއްގައި ފާހަގަކޮށްލެވޭ މަންޒިލްތައް ދެނެގަނެ، އިނާމު ދީ، ފާހަގަކުރުމަށް 1993 ވަނަ އަހަރު އުފެދުނު އެވޯޑެކެވެ.

މީގެ އިތުރުން، ރާއްޖެއިން މިވަނީ މި އަހަރުގެ 29ވަނަ ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި، 'ވޯލްޑްސް ލީޑިންގ ކެޓަގަރީން' ފާހަގަކޮށްލެވޭ ތިން އެވޯޑަކަށް ނޮމިނޭޓްވެފައެވެ. އެއީ ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ ޓައިޓަލް އާއި ވޯލްޑްސް ލީޑިންގް އައިލެންޑް ޑެސްޓިނޭޝަން އަދި ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަންގެ އެވޯޑްތަކެވެ. ރާއްޖެއަށް މި އަހަރު އަނެއްކާވެސް ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ ލަގަބު ލިބުމަކީ އަޅުގަނޑުމެން އެންމެން, ޤައުމެއްގެ ގޮތުގައި ފަޚުރުވެރިވާނެ ފަދަ ކަމެކެވެ. މި އަހަރު ރާއްޖެއިން މި އެވޯޑް ހާސިލްކޮށްފިނަމަ، މިއީ އަޅުގަނޑުމެންގެ ޤައުމަށް ވިދިވިދިގެން ތިން އަހަރު ފަތުރުވެރިކަމުގެ މިފަދަ ޝަރަފުވެރި ލަގަބެއް ލިބޭ ފުރަތަމަ ފަހަރަށް ވެގެން ދާނެއެވެ. މީގެ އިތުރުން، ވޯލްޑްސް ލީޑިންގް ޓޫރިސްޓް ބޯޑުގެ ޝަރަފުވެރި މަޤާމަށް އެމްއެމްޕީއާރުސީ ވަނީ ނޮމިނޭޓް ކުރެވިފައެވެ.

ޑަބްލިއުޓީއޭގެ އެވޯޑްތަކަށް ވޯޓުލުން ހުޅުވާލާފައިވަނީ 20 އޮކްޓޯބަރ 2022 ގެ ނިޔަލަށެވެ. ދިވެހިރާއްޖެއަށް މި އެވޯޑް ކާމިޔާބު ކޮށްދެއްވުމަށް ވޯޓްލެއްވުމަށް ބޭނުންކުރައްވާނެ ލިންކުތައް ތިރީގައި މިވަނީއެވެ.

ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން: https://bit.ly/3SZgEP2

ވޯލްޑްސް ލީޑިންގް އައިލެންޑް ޑެސްޓިނޭޝަން: https://bit.ly/3EsbaIU

ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން: https://bit.ly/3SO1P2g

ވޯލްޑްސް ލީޑިންގް ޓޫރިސްޓް ބޯޑު: https://bit.ly/3Enf9X5

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.