ޒަޔާންގެ މަރާއިގުޅިގެން ހައްޔަރުކުރި ބޮޑެތި މީހުންނަށް ދައުވާކުރުން އަންނަހަފުތާގަ

މުހައްމަދު ޒަޔާން މޫސާ - ފޮޓޯ: ސޯޝަލް މީޑިއާ

ތޫނު އެއްޗަކުން ހަމަލާދީ މަރާލި، އައްޑޫސިޓީ ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބޮޑެތި މީހުންނަށް އަންނަ ހަފުތާގައި ދައުވާކުރަން ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އައްޑޫ ސިޓީ ފޭދޫގައި ހިނގި މި ހާދިސާގައި ޒަޔާން މަރުވީ، މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އޭނާއަށް ތޫނު އެއްޗަކުން ދިނުމުން ލިބުނު ޒަޙަމްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އެމަހުގެ ތިން ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ޒަޔާންގެ މަރުގެ މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ، ޒަޔާންގެ މަރާ ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ހަތަރު ކުދިން ވެސް ހިމެނޭ ކަމަށެވެ.

އެއީ 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުދިންގެ މައްސަލަ ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން ދެ ކުއްޖަކު ވަނީ ކުށަށް އިއުތިރާފުވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެތަނުން އެއް ކުއްޖެއްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ ވަނީ ކޮށްފަ އެވެ. އަނެއް ތިން ކުދިންނަށް އުފުލީ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން:

  • އަބްދުﷲ ނިޒާރު، ސ. ފޭދޭ/ ކާމަރަނގަގެ، 28އ.
  • އަބްދުﷲ ރަޝީދު، ސ.ފޭދޫ/ ދިރިމާގޭ، 22އ.
  • އައިލިޝް އަލީ، ސ. ފޭދޫ/ ފުފޫމާގޭ 29އ.
  • އަހުމަދު ނަބީލް، ސ. ފޭދޫ/ ސަންޝައިން، 32އ.
  • އަހުމަދު ޝުޖާއު، ސ.ފޭދޫ/ ދިރިމާގޭ، 24އ.
  • ޔައިޝް އަންވަރު، ސ.ފޭދޫ/ ކަދުރުމާގެ، 19އ.
  • އަހުމަދު އަބްދުﷲ، ސ. ފޭދޫ/ ކަރަންފޫގެ، 25އ.

ސާމިހް އިތުރަށް ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް މިހާރު އެއްކުރެވިފައިވާ މައުލޫމާތުތަކުން ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށާއި މައްސަލައިގެ ތަހުގީގާމެދު ހިތްހަމަޖެހޭ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.