ދަނޑުވެރިކަން ކުރުމުގައި މިއަދު އޮތް ދަތިކަމަކީ ބިމުގެ ދަތިކަމާއި ފައިސާގެ ދަތިކަން: ރައީސް

ދަނޑުވެރިކަން ކުރުމުގައި މިއަދު އޮތް ދަތިކަމަކީ ބިމުގެ ދަތިކަމާއި ފައިސާގެ ދަތިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި، ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ ކާށިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ވިދާޅުވި މިއަދު ޤާނޫނުތަކަށް ގެނެވިފައި ހުރި ބަދަލުތަކުން ލާމަރުކަޒީ ނިޒާމްގެ ދަށުން، ރަށްރަށުގެ ބިން ދޫކުރުމުގެ އިޚްތިޔާރާއި ބާރު އޮންނަނީ ކައުންސިލްތަކަށް ކަމަށެވެ.

އެހެންކަމުން ދަނޑުވެރިކަން ކުރަންބޭނުންވާ ފަރާތްތަކަށް ކައުންސިލްތަކުން ދިގުމުއްދަތަކަށް، ބިންދީ ރަނގަޅު އިންވެސްޓްމެންޓެއް ކުރެވޭ ގޮތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.

ދަނޑުވެރިންނަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލުކޮށްދެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ކުރައްވާ އެކިއެކި މަސައްކަތްތަކާ، ވަކިވަކި ފަރުދުންނަށް ދެ މިލިއަންރުފިޔާ އާއި ހަމައަށް ލޯނު ދޫކުރަން ފެށިފައިވާކަމުގައި ފާހަގަކުރައްވަމުން. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެހެން ސިނާޢަތްތަކެކޭ އެއްގޮތަށް ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްވެސް ކުރަން އޮތް މަސައްކަތަކީ، މިކަމުގެ ތެރެއަށް ސަރުކާރުން ނުވަދެ، މިދާއިރާއިން އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ މެދުވެރިއެއްގެ ރޯލު އަދާކުރުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާވިދާޅުވީ ރާއްޖޭގައި ފަސޭހައިން އުފެއްދެން ހުރި އުފެއްދުންތައް އުފައްދައި މާކެޓަށް ނެރުމުގެ މަސައްކަތް ކުރެވެމުންދާ ކަމުގަ އެވެ. އަދި ރާއްޖޭގައި ހެއްދޭނެ 17 ބާވަތެއް ފާހަގަކޮށް، އެބާވަތްތައް ހައްދާ ފަރާތްތަކުގެ ހުރިހާ އުފެއްދުންތައް އެގްރޯ ކުންފުންޏަށް ގަނެ މާކެޓްކޮށްދޭނެ ކަމުގެ ޔަޤީންކަން އެފަރާތްތަކަށް ދެވިފައިވާކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމުގައި ނަގާ ޑިއުޓީ ބޮޑުކުރަންޖެހޭކަންވެސް ފާހަގަކުރައްވާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.