ގުޖުރާތީ ފިލްމު "ޗެއްލޯ ޝޯވ" ގައި މުހިންމު ދައުރެއް އަދާކުރި ރާހުލް ކެންސަރު ޖެހިގެން މަރުވެއްޖެ

ގުޖުރާތީ ފިލްމު "ޗެއްލޯ ޝޯވ" ގައި މުހިންމު ދައުރެއް އަދާކުރި ރާހުލް ކޯލީ ކެންސަރު ޖެހިގެން މަރުވެއްޖެ އެވެ.

އުމުރުން 15 އަހަރުގެ ރާހުލް މަރުވިކަން "ޓައިމްސް އޮފް އިންޑިއާ" އިން ކަށަވަރުކޮށްދީފައިވަނީ ރާހުލްގެ ބައްޕަ އާ ހަވާލާދީ އެވެ.

އެ ނޫހުގައި ބުނެފައިވަނީ ރާހޫލް އަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ ހަތަރު ވަރަކަށް މަސް ކުރިން ކަމަށެވެ. އަދި މި އޮކްޓޯބަރު މަހުގެ 2 ވީ އާދިއްތަ ދުވަހު ހެނދުނު ސައި ބުއިތާ އިރުކޮޅެއް ތެރޭ ރާހޫލް ހުންގަދަވެ ހާލު ބޮޑުވާން ފެށުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރެއް ނުވެ ރާހުލް މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ރާހޫލް އާއި އިތުރު ފަސް ކުއްޖެއް، "ޗެއްލޯ ޝޯވ" ގައި އެންމެ މުހިއްމު ރޯލުތަކެއް ކުޅެފައިވާއިރު، "ޗެއްލޯ ޝޯ" އަދިރިލީޒެއް ނުކުރެ އެވެ. "ޗެއްލޯ ޝޯ" އިންޑިޔާގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

އެހެންނަމަވެސް ޗެންނައިގެ މީޑިއާގެ ބައެއް ފަރާތްތަކަށް ދާދިފަހުން މި ފިލްމު ދައްކާފައިވާއިރު، ފިލްމު ބެލި މީހުންގެ ތައުރީފް ވަނީ އެކުދިންނަށް ލިބިފަ އެވެ.

"ޗެއްލޯ ޝޯ" އަކީ ސެމީ-އޮޓޮބައިގްރޮފިކަލް ވާހަކަ އެކެވެ. ނުވަ އަހަރު ކުއްޖެއް ފިލްމު ކުޅޭހިތުން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

އިންޑިއާ އިން މިފަހަރު އޮސްކާ އަށް "ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު" ކެޓަގަރީން ވާދަކުރަން ފޮނުވާފައިވަނީ ވެސް މި ފިލްމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.