އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވާލައިފި

ފޮޓޯ: ވަން އޮންލައިން

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވާލައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހު މަރުވެފައި އޮއްވާ ފެނުނު އަޒުހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވާލީ އިއްޔެ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދިޔަ އަޒުހާންގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލެ ސްކޭޓް ޕާކް ސަރަހައްދުގެ ގަސްތަކުގެ ތެރެއިން ނެވެ. އަދި އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މި މައްސަލައިގާ އާންމުންގެ ވަރަށްބޮޑު ފާޑުކިޔުންތައް ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އެއީ އެ މައްސަލައިގައި އަޒުހާންގެ ހަށިގަނޑު ހޯދަން ދެ ހަފްތާ ނެގުމާއި، އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ދިރިހުއްޓާ ފެނުނު ސަރަހައްދާ ކައިރި ސަރަހައްދަކުން ކަމަށްވާތީ އެވެ.

ފުލުހުން ބުނެފައިވަނީ އަޒުހާންގެ ފޯނު މިހާރު ހޯދިފައި ވާއިރު އޭނާ މަރާލައިފައިވާ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.