ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ސެކްރެޓަރީ ޖެނެރަލް ޙާލާ މުޙައްމަދު ޖަބިރް އަލް-އަންޞާރީއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ސެކްރެޓަރީ ޖެނެރަލް ވަނީ އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

ހަމަ އެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަށް ބޭނުންވާ ކަންކަމުގައއާއި، އަންހެނުންގެ ފުރިހަމަ ޤާބިލުކަން ބޭރަށް އަންގައިދިނުމުގައި އަދި އެމީހުންގެ ފަރާތުން ފުޅާދާއިރާއެއްގައި މުޖުތަމަޢަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ މަގުތައް ހޯދައިދުނުމުގައި ސުޕްރީމް ކައުންސިލުން އަދާކުރަމުންދާ ދައުރާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ.

މީގެ އިތުރުން އެކަމަނާ ވަނީ އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަކީ، ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ދާއިރާއެއްކަން ފާހަގަކުރައްވައި، އެކަމަނާއަކީ ވެސް މި ދާއިރާއަށް ނުހަނު ޝައުޤުވެރިކަން ހުންނަ ބޭފުޅެއް ކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ސެކްރެޓަރީ ޖެނެރަލް ވަނީ އަންހެން ކުދިންނާއި، އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ޝައުޤުވެރިވާކަން ފާޅުކުރައްވާފަ އެވެ.

"ސުޕްރީމް ކައުންސިލް ފޮރ ވިމެން" ކައުންސިލް ވުޖޫދުވީ 22 އޮގަސްޓް 2001 ވަނަ އަހަރު ގައެވެ. މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވަނީ ހަރ ރޯޔަލް ހައިނެސް ޕްރިންސެސް ސަބީކާ ބިންތް އިބްރާހީމް އަލް-ޚަލީފާ އެވެ. އަދި، މި ކައުންސިލްގައި އަންހެނުންގެ ކަންކަމާއި ގުޅުން ހުރި އެކި މަސައްކަތްތައްކުރުމަށާއި، ޢާންމުންގެ ތެރެއިން އަންހެނުން ތަމްޞީލުކުރުމަށް ތަޖުރިބާ ލިބިފައިވާ 16 އަންހެން މެންބަރުންނަށް ވުރެ މަދު ނޫން ޢަދަދަކަށް މެންބަރުން ހިމެނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.