ރައީސް ސާލިހުގެ ބަހްރެއިން ދަތުރުފުޅުގައި 4 އެއްބަސްވުމެއްގައި ސޮއި ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ބަހްރެއިނަށް މިހާރުކުރައްވަމުން ގެންދަވާ ހަތަރުފުޅުގައި 4 އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އޭގެ ތެރޭގައި ޚާރިޖީ ދާއިރާއާއި ގުޅުންހުރި ތިން އެއްބަސްވުމެއް ހިމެނޭ ކަމަށެވެ. ދެން ހިމެނެނީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއާއި ގުޅުންހުރި އެއްބަސްވުމެއް ކަމަށް މިއުވާން ވިދާޅުވި އެވެ.

ޚާރިޖީ ދާއިރާގެ ތިން އެއްބަސްވުމުގައި ސޮއިކުރައްވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކަމަށާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ އެއްބަސްވުމުގައި ސޮއިކުރައްވާނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

މިއުވާން އިތުރަށް ވިދާޅުވީ ރައީސް ސާލިހުގެ މި ދަތުރުފުޅުގައި ސޮއިކުރައްވާ އެއްބަސްވުންތަކަކީ ޕޮލިޓިކަލް ކޮންސަލްޓޭޝަން ކުރިއަށް ގެންދިއުމާ ގުޅޭ އެމްއޯޔޫ އާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް މޯލްޑިވްސް އާއި ބަހްރައިންގެ މުހައްމަދު ބިން މުބާރަކް އަލް ޚަލީފާ އެކަޑަމީ ފޯ ޑިޕްލޮމެޓިކް ސްޓަޑީޒްއާ ދެމެދު ސޮއިކުރާ އެމްއޯޔޫ ކަމަށެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރެވޭ އެމްއޯޔޫ އަދި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރާ އެމްއޯޔޫ ކަމަށެވެ.

ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބަޙްރައިންގެ ރަސްގެފާނު ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި މި ދަތުރުފުޅުފައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދުގެ ބޭފުޅުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 8 ވާ ހޮނިހިރު ދުވަހު އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.