ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްޤީކުރުމުގައި ދިރާގުން އަދާކޮށްފައިވާ ދައުރުގެ އަގުވަޒަންކޮށްފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްޤީކުރުމުގައި ދިރާގުން އަދާކޮށްފައިވާ މުހިންމު ދައުރު ދިވެހި ސަރުކާރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ފާހަގަކޮށް އެކުންފުނީގެ އަގުވަޒަންކޮށްފި އެވެ.

މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 3 އޮކްޓޫބަރުގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ހަފްލާގައި ދިރާގަށްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ދެއްވާ  'ޕްރެޒިޑެންޓްސް ގޯލްޑް އެވޯޑް ފޮރ އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަންސް ޓު ދަ ޑިވެލޮޕްމަންޓް އޮފް ޓޫރިޒަމް އިން ދަ މޯލްޑިވްސް' އެވޯޑް ލިބިފަ އެވެ.

މީގެ އިތުރުން، އެކުންފުންޏަށްވަނީ މަޓީގެ ފަރާތުން އަގުވަޒަންކުރުމުގެ 'ފަތުރުވެރިކަމުގެ 50 އަހަރު' އެވޯޑް ލިބިފައެވެ. މި ދެ އެވޯޑްވެސް ދިރާގަށް ލިބިފައިވަނީ ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތް ތަރައްޤީކޮށް މީގެ ސަބަބުން ޤައުމުގެ ފަތުރުވެރިކަމުގެ  ސިނާއަތް ކުރިއަރުވައި ފުޅާކުރުމުގައި އެ ކުންފުނިން އަދާކޮށްފައިވާ ދައުރު ފާހަގަކުރުމުގެ ގޮތުން ނެވެ.

ދިރާގުން ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ 'ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް' އެވޯޑްއާއި މަޓީގެ ފަރާތުން ދެއްވި '50 އަހަރުގެ ޓޫރިޒަމް' އެވޯޑް ލިބުމަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްކަމަށް ބުނެފަ އެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އެކުންފުނީގެ ހިއްސާ އަގުވަޒަންކޮށް ދެއްވި އެވޯޑްތަކަށް ދިވެހި ސަރުކާރަށާއި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ދިރާގުންވަނީ ޝުކުރު އަދާކޮށްފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މި ދާއިރާ އިތުރަށް ކުރިއަރުވާ ތަރައްޤީކޮށް ޒަމާނީ އައު ބަދަލުތަކެއް ދިވެހި ފަތުރުވެރިކަމަށް ގެނެސްދިނުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.