ހަތްމަސްތެރޭ ގައުމީ ފަސް ރެކޯޑު އައުކުރި ޝިފާޒު އައްޑޫގައި ދުވާނެ

"އީކުއޭޓަރ އައްޑޫސިޓީ އިންޓަރނޭޝަނަލް މެރެތަން" އައްޑޫގައި މިއަދު ފަށާނެއެވެ. އެ މެރެތަންގައި ރާއްޖޭގެ މަޝްހޫރު ބައެއް ދުވުންތެރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ފާއިތުވި ހަތްމަސްތެރޭ ތިން ރެކޯޑެއް ފަސްފަހަރު އައުކުރި ޝިފާޒު މުހައްމަދުވެސް ހިމެނެއެވެ.

ގދ. ފަރެސްމާތޮޑާއަށް އުފަން ޝިފާޒު ބުނީ އައްޑޫ ސިޓީގައި ދުވާނެ ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ. އައްޑޫސިޓީގައި ދުވަންޖެހޭ ރޫޓަކީ ރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ރަނގަޅު ރޫޓުކަމަށްވެސް އޭނާ ބުންޏެވެ. "ކުޅުދުއްފުއްޓާއި، މާލެއާއި، ހުޅުމާލެއާއި، ގދ. ތިނަދުއާއި، ލ. އަތޮޅުގައިވެސް އޭނާވަނީ ދުވެފައެވެ. "އެހެންނަމަވެސް އެންމެ ރަނގަޅު ރޫޓަކަށް މިހާތަނަށް ރާއްޖެއިން މިފެނުނީ އައްޑޫ ސިޓީގައި ދުވަންޖެހޭ ރޫޓު. އެކަމަކު މައްސަލައަކީ ހޫނުގަދަވުން. އެކަމާ ކުރާނެ ކަމެއްވެސްނެތް. އެއީ ގުދުރަތީ ކަމެއް. އަޅުގަނޑުމެންނާއެކު ދުވަން އައިސްހުރި ބޭރުމީހަކުވެސް އެވާހަކަ ދައްކައިފި،" ޝިފާޒު ބުންޏެވެ.

އޭނާ ދުވަނީ ހާފް މެރެތަންގައެވެ. ފުލްމެރެތަންގައި އޭނާ ނުދުވަނީ އެންމެފަހުން ދުބާއީގައި ބޭއްވި ފުލްމެރެތަންގައި ބައިވެރިވުމަށްފަހު އަދި އޭނާ ފިޓުވެފައިނުވާތީއެވެ.

ޝިފާޒު ދުވުމުގެ ތެރެއަށްވަނީ 2009 ވަނަ އަހަރުއެވެ. އޭރު އެމްއެންޑީއެފްގެ ޔުނިޓުތަކުގެ މެދުގައި ބާއްވާ އެތުލެޓިކްސް މުބާރާތުގެ ތެރެއިންނެވެ. އޭނާއަކީ ދިރާގު ރޯޑުރޭސް އެންމެގިނަ ފަހަރަށް ކާމިޔާބުކޮށްފައިވާ ދުވުންތެރިއާއެވެ. އެ ރޭސް އޭނާވަނީ 5 ފަހަރު ކާމިޔާބުކޮށްފައެވެ. އޭގެ އިތުރަށް އޭނާވަނީ މޯލްޑިވިއަން ހާފްމެރެތަން 4 ފަހަރު ކާމިޔާބު ކޮށްފައެވެ. އަދި އެތުލެޓިކްސް ގައުމީ މުބާރާތުގެ ބެސްޓް އެތުލީޓުގެ މަގާމް އޭނާވަނީ 4 ފަހަރު ހޯދައިފައެވެ.

ޝީފާޒު އެންމެ ފުރަތަމަ ރެކޯޑެއް ގާއިމްކުރީ ނޭޕާލުގައެވެ. އެގައުމުގެ ބިރިގަންޖު ސިޓީގައި ބޭއްވި ހާފްމެރެތަންގައި އޭނާވަނީ ރާއްޖޭގެ ގައުމީ ރެކޯޑު މުގުރާލައިފައެވެ. އެ ހިސާބުން ރާއްޖޭގެ މެރެތަން ރެކޯޑު ލިސްޓަށް އޭނާގެ ނަންއެރިއެވެ. އެފަހުން އޭނާވާނީ މެލޭޝިއާގައި އެރެކޯޑު އަލުން އައުކޮށްފައެވެ.

ފާއިތުވި ހަތްމަސްތެރޭގައި އޭނާވަނީ ތިން ރެކޯޑެއް ފަސް ފަހަރު އައުކޮށްފައެވެ. އެއީ ބިރިގަންޖު ސިޓީގައި ބޭއްވި ހާފް މެރެތަންއާއި، މެލޭޝިއާގެ ކުއާލަލަންޕޫރުގައި ބޭއްވި މެރެތަންއާއި، ނޭޕާލުގެ ކަތުމަންޑޫގައި ބޭއްވި ފުލްމެރެތަންއާއި، ދިރާގު ރޯޑުރޭސްގެ ފަސްކިލޯ މީޓަރުގެ މެރެތަންއާއި، ދުބާއީގައި އެންމެފަހުން ބޭއްވި ފުލްމެރެތަންއެވެ. އޭގައިވެސް އޭނާވަނީ އަމިއްލަ ރެކޯޑު އައުކޮށްފައެވެ.

ފާއިތުވި 9 ވަރަކަށް މަހަށް ބަލާއިރު ޝިފާޒު ފިޔަވައި މިފަދަ ކާމިޔާބެއް ރާއްޖޭގެ އެތުލީޓަކަށް ލިބިފައެއް ނުވެއެވެ. އެހެންވީމާ މިއަދުގެ މެރެތަންގައި ދުވާ އެތުލީޓުންގެ ތެރެއިން އޭނާއަކީ އެންމެ މަޝްހޫރު އެތުލީޓު ކަމަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

އޭނާއަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ އެތުލީޓެކެވެ. އެހެންނަމަވެސް އެސޯސިއޭޝަނުންވަނީ ދިވެހި ސިފައިންގެ ކުލަބަށް އޭނާ ދޫކޮށްފައެވެ. އެކަމަށްޓަކައި އޭނާ އެތުލެޓިކްސް އެސޯސިއޭޝަނަށް ޝުކުރު އަދާކުރިއެވެ.

ޝިފާޒަކީ އެމްއެންޑީއެފްގެ ކޯޕްރަލެއްގެ މަގާމް އަދާކުރަމުންދާ މީހެކެވެ. މިދާއިރާއިން ކުރިއަށް ދިޔުމަށް ޗީފްއޮފް ޑިފެންސް ފޯސް މެޖަރޖެނެރަލް އަހުމަދު ޝިޔާމުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށްބޮޑަށް ލިބޭކަމަށްވެސް ޝިފާޒު ބުންޏެވެ. "އެހެންވެ އެކަން ފާހަގަކޮށް ޝިޔާމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓް ނަސްރުﷲ އަހުމަދު ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރުދަނަންވަން. އައްޑުއަށް އައި އަޅުގަނޑުމެންގެ ޓީމުގެ މެނޭޖަރަކީވެސް ނަސްރުﷲ" އޭނާ ބުންޏެވެ.

އައްޑޫގައި ބާއްވާ މި މެރެތަންގެ ސަބަބުން އައްޑޫގެ ލޯކަލް ޓޫރިޒަމަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވަރަށްބޮޑަށް އުންމީދު ކުރެވޭ ކަމަށްވެސްއޭނާ ބުންޏެވެ. "ސަބަބަކީ އަހަރެމެންނާއެކު އައިސްފައިވާ ބޭރުގެ ބައެއް މީހުން އައްޑޫސިޓީ ފެނިފައި ހިނގައިގަންނަން ނޭނގިފައި އެބަތިބި ބަލާލަން ހިތްގައިމުކަމުންނޭ ކިޔާފައި، އެހެންވީމާ އެއީ މިބުނިކަމަށް އޮތްދަލީލެއް،" ޝިފާޒު ބުންޏެވެ.

ޝިފާޒުވެސް ބޭނުންވަނީ މި މެރެތަންގެ ސަބަބުން އައްޑޫ ސިޓީ އިތުރަށް މަޝްހޫރުވެ ލޯކަލްޓޫރިޒަމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދިޔުމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.