އާރްޓީއެލް އިން މާލޭގައި ދެމުންދާ މިނީ ބަހުގެ ދަތުރުތަކަށް އަގު ނަގަން ފަށައިފި

ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރްޓީއެލް) އިން މާލޭގައި ފެށި މިނީ ބަހުގެ ހިދުމަތުން އަގުނަގަން ފަށައިފި އެވެ.

އެ ޚިދުމަތުން މިއަދުން ފެށިގެން އަގު ނަގާއިރު، ބަސް ޓިކެޓުގެ އަގަކީ 7 ރުފިޔާ އެވެ.

އެމްޓީސީސީން ބުނީ މިނީ ބަހުގެ ޚިދުމަތަށް ފައިސާ ދެއްކޭނީ އާރުޓީއެލް ވެބް ޕޯޓަލާއި އެޕްލިކޭޝަން މެދުވެރިކޮށް ކަމަށާއި ޚިދުމަތް އަލަށް ހޯދާއިރު، ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.

އޭގެ ފަހުން ކުރީގެ ލޮގިން ބޭނުންކޮށްގެން ޚިދުމަތް ހޯދޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

"މި ހިދުމަތް ހޯދުމަށް ޓިކެޓް ނަގާއިރު، އެމީހަކު ބަހުގައި ދަތުރުކުރާ ރޫޓާއި، ޓިކެޓް ނަގާ އަދަދު ޚިޔާރުކޮށް، ބޭންކް ކާޑް މަޢުލޫމާތާއި އީ.މެއިލް އެޑްރެސްއެއް ޖެހުމުން ފައިސާ ދައްކާ ޓިކެޓް ނެގޭނެ. މިގޮތަށް ނަގާ ޓިކެޓްތައް ބޭނުންކުރެވޭނީ ހަތް ދުވަހުގެ މުއްދަތަށް. ޓިކެޓުގައިވާ ކިއު.އާރު ކޯޑު ބަހަށް އަރާ ސްކޭން ކޮށްލުމުން ޓިކެޓް ކެނޑޭނެ." އެމްޓީސީސީން ބުންޏެވެ.

މިނީ ބަސްތަކުގައި ކަރުދާސް ޓިކެޓް ވިއްކުމަށް ވެސް އެމްޓީސީސީން ނިންމައިފައިވާ އިރު، ކަރުދާސް ޓިކެޓަށް ފައިސާ ދެއްކުމަށް ޖެހޭނީ ބަހުގައި ހުންނަ ފޮއްޓަކަށް 7 ރުފިޔާ ހަމަކޮށްފައި ލާށެވެ.

އިތުރަށް ދޭ ފައިސާ މާރު ނުކޮށްދޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މިއަދުން ފެށިގެން މިނީ ބަހުގެ ޚިދުމަތުން އަގުނަގަން ފެށި ނަމަވެސް، 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޚާއްސަ އެހީއަށް ބޭނުންފުޅުވާ ފަރާތްތަކުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެމްޓީސީސީ އިން ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.