ގެއްލިގެން ހޯދަމުންދާ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑެއް ފެނިއްޖެ އެވެ.
އުމުރުން 27 އަހަރުގެ އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑެއް ފެނުނީ ހުޅުމާލެއިން ނެވެ.
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ ވޯޓަރ ތީމް ޕާކް ސަރަހައްދުން ކަމަށާއި އެ ހަށިގަނޑު ފެނުނީ ކުނި ވަސް ދުވައިގެން ނޫން ކަމަށް ފުލުހުން ބުންޏެވެ. އަދި އެތަން ބެލީ މި މައްސަލައިގައި ކުރަމުން ދިޔަ ތަހުގީގުގައި ސީސީޓީވީ ފުޓޭޖުން ފެނުނު މައުލޫމާތުތަކާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"ހަށިނގަޑު އޮތީ ހައިލީ ޑީކޮމްޕޯސްޑް (ކުނިވެފައި) ސްޓޭޖެއްގަ. މިވަގުތު އެ ހަށިގަނޑަށް ބޭރު ފުށުން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ފާހަގަ ކުރެވިފައެއް ނުވޭ." ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ވަރަށް އަވަހަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާނެ ކަމަށާއި އެ ހަށިގަނޑު ފެނުނު ނަމަވެސް އަދި އޭނާގެ ފޯން ފެނިފައި ނުވާ ކަމަށެވެ.
މިއަދު ހަވީރު 5:45 ގައި އެ ހަށިގަނޑު އެ ސަރަހައްދުން ފެނިފައިވާ އިރު، އެ ސަރަހައްދު ފުލުހުން ބަލާފައި ވަނީ ވެސް މިއަދު ކަމަށް ފުލުހުން ބުނެ އެވެ.
މި ދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6 ޖެހި އިރުނ ފެށިގެން އަޒުހާންގެ ޚަބަރެއް ނުވެގެން 19 ވަނަ ދުވަހުގެ ރޭ 7 ޖަހާ އިރު އާއިލާއިން ފުލުހަށް ރިޕޯޓު ކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ.
އަޒުހާން ހޯދުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން މިހާތަނަށް އާންމު ކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި އަޒުހާން ވަނީ ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސްއިން ކާރެއްގައި ހިޔާ ފްލެޓް 13 ވަނަ ޓަވަރަށް ގޮސް އެ ޓަވަރަށް އަރާފަ އެވެ. އަދި ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އެނބުރި ގޮސްފަ އެވެ.