"ހެލްޕް ޕާކިސްތާން" ޓެލެތޯން ފަށައިފި

ފޮޓޯ: ޕީއެސްއެމް

"ހެލްޕް ޕާކިސްތާން" ޓެލެތޯން ފަށައިފި އެވެ.

މިއީ ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ބާއްވާ ހަރަކާތެކެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި، ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން، ދަޢުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ އަޅުގަނޑުމެން އެންމެނަށްވެސް ކްލައިމެޓް ޗޭންޖުގެ ސަބަބުން އެކިއެކި ޤައުމުތަކުގައި ދިވެހިރާއްޖެ ވެސް ހިމެނޭގޮތަށް މިފަދަ އެތައް ކަމެއް ހިނގަމުންދާކަން އެނގޭ ކަމަށެވެ.

"ޕާކިސްތާނުގެ އަޚުންނާއި އުޚުތުންނަށް ދިމާވެފައިވަނީ ދުވަހަކުވެސް ޕާކިސްތާނަށް ކުރިމަތިލާން ނުޖެހޭވަރުގެ ބޮޑު ކާރިސާއެއް. އަޅުގަނޑު އެދެނީ އުއްމީދު ކުރަނީ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނާ އެއްކޮށް މިކަމުގައި ޕާކިސްތާނުގެ ރައްޔިތުންނަށް އެބޭފުޅަކަށް ވެވެން އޮތް މިންވަރަކުން ބައިވެރިވެދެއްވާ އެހީތެރިވެދެއްވުން" މިނިސްޓަރ ފައްޔާޟް ވިދާޅުވި އެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން މުޅި ދުނިޔެ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށާއި، ޕާކިސްތާނުން ވެސް މިއަދު ފެނިގެންދަނީ އެ މަންޒަރުކަމަށެވެ.

ބޯކޮށް ވާރެހި ފެން ބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ތިންބައިކުޅަ އެއްބަޔަށް އަސަރުކޮށް، އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާކަން ސަފީރު ފާހަގަކުރެއްވި އެވެ.

މި ޓެލެތޯން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ.

ޕާކިސްތާނަށް އެހީވުމުގެ ގޮތުން އާޓިފިޝަލް ބީޗު، ވިލިމާލޭ ފެރީ ޓަރމިނަލް، ދިވެހިރާއްޖޭގެ އަޑު، ޓީވީއެމް، ޖުމްހޫރީ ޕާކުގެ އިތުރުން ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ފަންޑު ފޮށި ވަނީ ބަހައްޓާފަ އެވެ.

މީގެ އިތުރުން ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރުފިޔާ އަދި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމާއި ދިރާގު-ޕޭ އަދި އުރީދޫ އެމް-ފައިސާ މެދުވެރިކޮށްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.

"ހެލްޕް ޕާކިސްތާން" ޓެލެތޯނަކީ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހިންގާ ހަރަކާތްތަކުގެ ފެށުމެއް ކަމަށާއި، ޓެލެތޯން އެއް ދުވަހަށް ކުރިއަށްގެންދިޔަ ނަމަވެސް، ޕާކިސްތާނަށް އެހީވުމަށް އިތުރު ހަރަކާތްތައް ވެސް ކުރިއަށްއޮތްތަނުގައި ހިންގާނެކަމަށް ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބުނެއެވެ.

ޕާކިސްތާނުގައި ފެންބޮޑުވުމާ ގުޅިގެން 33 މިލިޔަން މީހުންގެ ދިރިއުޅުން ވިއްސިވިހާލިވެފައިވާއިރު، ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުން މަރުވި މީހުންގެ ޢަދަދު 1300 އަށްވުރެ މައްޗަށް އަރައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.