ދިވެހިންގެ އެންމެ ޚާއްޞަ އެއްކަމަކީ ގާތް ރަޙްމަތްތެރިކަމާއި ދީލަތިކަން: ނައިބު ރައީސް

ދިވެހިންގެ އެންމެ ޚާއްޞަ އެއްކަމަކީ ގާތް ރަޙްމަތްތެރިކަމާއި، ދީލަތިކަމާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރާތްކުރާ ކޮންމެ ފަތުރުވެރިއަކަށް ވެސް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމުގެ ވިސްނުން ހުރެ އެކަމަށް ކުރާ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އަދާރަން ސިލެކްޓް ހުދުރަން ފުށީގައި ބޭއްވި ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2022 ގެ ހަވަނަ އެޑިޝަންގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، ދެމެހެއްޓެނިވި އަދި އަތްފޯރާ އަގެއްގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރުކުރެވޭނެ ފަދަ އެކަމަށް ބޭނުންތެރި ޚިދުމަތްތައް ޤާއިމުކުރުން ކަމަށެވެ.

މީގެ 50 އަހަރު ކުރިން ރާއްޖޭގެ ފަތުރުވެރިކަން އުފެދިގެންއައި ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރެވުނީ ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި، ޒުވާން ބައެއް ފަރާތްތަކުން ކުރި ބުރަ، އިޚްލާޞްތެރި، އަދި މިންނެތް މަސައްކަތްތަކުންކަން ފާހަގަކުރައްވާފަ އެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަދު ރާއްޖެއަކީ އެންމެ ކުރިއަރާފައިވާ އެއް މަންޒިލްކަން ފާހަގަކުރައްވާފަ އެވެ. އަދި އެ ކާމިޔާބީ ލިބުމުގެ އަސްލު ޙަޤީޤަތަކީ ދިވެހި ރާއްޖޭގެ މެހެމާންދާރީ އަދާކުރުމުގެ ސިފަކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަންޖެހުނު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ރިސޯޓްތަކާއި ގެސްޓްހައުސްތައް ވަގުތީގޮތުން ބަންދުކުރަން ޖެހުމުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

އެމަނިކުފާނު ވަނީ އަލުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިންނަށް މި ޤައުމަށް އައުމަށް މަގުފަހިވެގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއި، ސަރުކާރާއި ފަތުރުވެރިކަމުގެ ޞިނާޢަތު ގުޅިގެން ކުރި މަސައްކަތުންކަމުގައި ފާހަގަކުރައްވާފަ އެވެ.

ސަޓާ 2016 ވަނަ އަހަރު އިފްތިތާޙްކުރެވުނު ފަހުން، ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ފާހަގަކުރާ ދެވަނައެއް ނެތް ބަޔަކަށް ސަޓާ ވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި، ސަޓާ ގެ އޯގަނައިޒަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ސަޓާ އެވޯޑްސްގައި ތަމްޞީލުކުރާ ދެކުނު އޭޝިއާގެ ހަ ޤައުމަކީ ދުނިޔޭގައި ވެސް ފަތުރުވެރިކަމުގެ ގޮތުން އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދޭ ނަމޫނާ ޤައުމުތައްކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވައި ކޮވިޑްއަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެކޭ އެއްގޮތްވުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން ލިބުނުކަމުގައި ފާހަގަކުރައްވާފަ އެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ސަޓާ 2022" އެވޯޑް ފަތުރުވެރިކަމުގެ ދާއިރާއާއި ހޮސްޕިޓާލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި 5 ފަންނުވެރިންނަށް ޙަވާލުކޮށްދެއްވާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.