ރާއްޖޭން ބޭރުގައި ފައިނޭންސް އެންޑް އެކައުންޓިންގ ދާއިރާ އިން ޕީއެޗްޑީ ކިޔެވުމަށް ރަޒީނާ އިސްތިއުފާ ދެއްވައިފި

ރާއްޖޭން ބޭރުގައި ފައިނޭންސް އެންޑް އެކައުންޓިންގ ދާއިރާ އިން ޕީއެޗްޑީ ކިޔެވުމަށް ފައިނޭންޝަލް ކޮންޓްރޯލަރު ފާތިމަތު ރަޒީނާ އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މި މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ހަ އަހަރު ވަންދެން ފައިނޭންޝަލް ކޮންޓްރޯލަރު ކަން ކުރެއްވުމަށް ފަހު އެވެ. 20 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ޚިދުމަތް ކުރެއްވި ރަޒީނާ ފައިނޭންޝަލް ކޮންޓްރޯލަރު ކަމަށް އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ޖުލައި 5، 2016 ގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޒީނާ އޭނާ ޕީއެޗްޑީ ހާސިލްކުރައްވަން ވަޑައިގަންނަވަނީ އޮސްޓްރޭލިއާ އަށެވެ.

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތުގެ ފައިސާ އާއި ހިސާބާއި، ލިޔެކިއުންތަކުގެ ނިޒާމް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ގަވައިދުން ބެލެހެއްޓުމާއި ދައުލަތުން މުދާ ގަނެ ރައްކާތެރިކަމާ އެކު ބަލަހައްޓައި، ނުވަތަ ބޭނުންކުރެވެނީ މާލިއްޔަތު ގަވައިދާ އެއްގޮތަށްތޯ ބެލުން ހިމެނެ އެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ އޮފީސްތަކުގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން، މާލީ އަހަރެއް ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި އެ އަހަރެއްގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ތައްޔާރުކޮށް ހިސާބުތައް މިނިސްޓްރީ އަށް ހުށަހެޅުމާއި، ދައުލަތަށް ލިބެންވާ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމްކުރުމަކީ ވެސް ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.