މާލޭ ގާކޮށި ސަރަހައްދާއި ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ޓާޓާ ކުންފުނިން ހަދާފައިވާ ފްލެޓްތައް ވިއްކުން މަޑުޖައްސާލާފައި އޮތުމަށް ފަހު އެ ފްލެޓްތައް އޮންލައިންކޮށް ވިއްކަން ނިންމައި އެޗްޑީސީން އެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީން ފްލެޓްތައް ވިއްކަން ކުރި އިއުލާނުގައި ބުނެފައި ވަނީ ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތި ލެވޭނެ ގޮތް އެ ކުންފުނީގެ ރަސްމީ ވެބްސައިޓުގައިވާ ޕޯޓަލެއްގައި އިންނާނެ ކަމަށެވެ. އެހެންކަމުން އޮންލައިންކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާއި ޝަރުތު ހަމަނުވާ ފަރާތްތަކަށް އެކަން އެސްއެމްއެސްގެ ޒަރީއާއިން އެޗްޑީސީން އަންގާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅި ލިޔުންތަކުގެ އަސްލުވެސް ފަހުން އެޗްޑީސީއަށް ހުށަހަޅަން ޖެހޭނެއެވެ. އެތަކެތި ހުށަހަޅަން އެޗްޑީސީން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. އެއީ ރަސްމީ ދުވަސްތައް ހިމަނައިގެންނެވެ. މި ފަސް ދުވަހުގެ ތެރޭގައި ލިޔުންތަކުގެ އަސްލު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުން ބާތިލް ވާނެކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ވިއްކަން އިއުލާން ކޮށްފައި ވަނީ 264 ފްލެޓުގެ ތެރެއިން 159 ފްލެޓެވެ. މި ފްލެޓުތައް ގަތުމަށް ބޭނުންވާ ފަރާތްތަކުން ކުރިމަތިލާން މީގެކުރިން އިއުލާން ކުރުމާއެކު ގިނަބަޔަކު އެ ފްލެޓްތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ނަގަން ކިޔު ޖެހުނެވެ. ދުއިސައްތައެއްހާ މީހުން ކިޔު ޖެހުމުން އެފަހަރު ވަގުތީ ގޮތުން އެކަން މެދުކަނޑާލީ ކިޔުގައި ނުޖެހި އެއަށްވުރެ ލުއިފަސޭހަ ގޮތަކަށް އެކަން ކުރުމުގެ ފުރުޞަތު ހުޅުވާލުމަށެވެ.