ސުޕްރީމް ކޯޓަށް ރައީސް މަގާމުން ވަކިނުކުރެވޭނެ، އެކަން ކުރެވޭނީ ހަމައެކަނި މަޖިލީހަށް- އާޒިމާ

ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށް ނިންމުމުގެ ބާރު ގާނޫނު އަސާސީން ދީފައިވާ ހަމައެކަނި މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި ރައީސް މަގާމުން ވަކިކުރުމުގެ ބާރަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ހައްގެއް ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އިދިކޮޅު ހަރަކާތުގައި އިސްކޮށް ތިއްބެވި ތިން ލީޑަރުން ކަމުގައިވާ ކުރީގެ ދެ ރައީސުން ކަމަށްވާ އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދު އާއި ކުރީގެ މައުމޫން އަބްދުލްގަތްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ލާފައިވާ މައްސަލައިގައި ރައީސް މަގާމުން ވަކިކުރަން ސުޕްރީމް ކޯޓުން ގޮތެއް ނިންމަން އެދިވަޑައިގެންފައި އޮތް ހަމައެކަނި މަގްސޮދަކީ ގައުމުގައި އެ މައްސަލައާމެދު ބޮޑު ބަހުސެއް އެންމެންކޮށް ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވައްޓާލުން އެކަނި ކަމަށެވެ. ސަބަބެއް ކަމަށް އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓުން އެކަމަށް ގޮތެއް ނިންމެން ނެތި އެކޯޓަށް މައްސަލަ ވެއްދުމެވެ.

އާޒިމާ ވިދާޅުވީ ކަޅާއި ހުދުން ސާފުކޮށް ފެންނަން އޮތްގޮތުގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރަން ގަރާރެއް ފާސްކޮށްގެންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރަން ޖެހިއްޖެ ކަމުގެ ޙާލަތެއް މެދުވެރިވެއްޖެތޯވެސް ނިންމޭނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށާއި އެކަމާމެދުވެސް ސުޕްރީމް ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވި ގޮތުގައި  ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ މަރުޙަލާގެ ތެރެއަށް ސުޕްރީމް ކޯޓަށް ވަދެވޭނެ އޮތީ އެންމެ ޙާލަތެކެވެ. އެއީ ރައީސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމުން އެކަމާމެދު ގާނޫނީ ގޮތުން ސުވާލު އުފެދިއްޖެ ނަމަ އެކަންޏެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.