އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރު ޕޮލިސް ކޮމިޝަނަރު ކަމުގައި ފަސީހު ހުންނެވި ނަމަވެސް ކޮމިޝަނަރަށް ބާރެއް ނެތް ކަމަށާއި އޭރު ޕޮލިސް ކޮމިޝަނަރު ނިންމަވަންޖެހޭ ކަންކަން ނިންމަން އިންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރުމާލު ދޭއް ޖަގަހައިގައި ރޭ އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް މިހެން ވިދާޅުވީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން ދެވަނަ ފަހަރަށް ހައްޔަރު ކުރަން ކޯޓުން އަމުރު ނެރުމާއި ގުޅިގެން އެ އަމުރު ތަންފީޒު ކުރަން ރައީސް ޔާމީން ފުލުހުންނަށް އެންގެވި މައްސަލައިގައި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒު ވުމުން އެކަމަށް ދެއްވި ރައްދުގައެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރު ކޮމިޝަނަރުގެ ގޮނޑީގައި ފަސީހު އިންނެވި ނަމަވެސް މަޖިލީހުގެ މެމްބަރަކު ފުލުހުންގެ ކަންކަން ނިންމަވަން އިންނެވުމުން ފުލުހުންގެ މިނިވަންކަމުގެ ވާހަކަ ދައްކަން އެމްޑީޕީ ނުޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ފުލުހުންނަކީ ސިޔާސީ ވާންޖެހޭ ބަޔެއް ނޫން ކަމަށާއި ކޯޓަކުން އަމުރެއް ނެރުމުން އެ އަމުރާމެދު ސުވާލު ނުއުފައްދައި އެ އަމުރު ތަންފީޒު ކުރުމަކީ ފުލުހުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ފުލުހުން ހަނދާން ނެތޭނަމަ އެކަން ހަނދާން ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން މަޖުބޫރު ކޮށްފައި އޮތް ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުލުހުންނަކީ ކަންކަމުގައި އަމިއްލަ ރައުޔާއި އަމިއްލަ ވިސްނުން ނެރެންޖެހޭ ބަޔެއް ނޫން ކަމަށާއި ފުލުހުންގެ ތެރޭގައި މިނިވަންކަން ނެތް ކަމަށް ވާހަކަ ދެއްކުމުގެ ފުރުޞަތު އިދިކޮޅު ފަރާތްތަކަށް ލިބިގެން ނުވާކަމަށެވެ.