ޕާކިސްތާނުގެ ބޮޑު ސަރަހައްދެއްގައި އާދަޔާއި ޚިލާފަށް ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ ކިޔަވާކުދީންގެ ތެރޭން 3.5 ކުދީންގެ ކިޔެވުން މެދުކެނޑިފައިވާ ކަަމަށް އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
މި ރިޕޯޓު ނެރެފައި ވަނީ ޕާކިސްތާނާއެކު އދ. ވާކަން ހާމަކުރެއްވުމަށް އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔާ ގުޓަރޭޝް އެގައުމަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅާ ދިމާކޮށެވެ. ރިޕޯޓުގައި ވާގޮތުން އެގައުމުގައި ދިރިއުޅެމުންދާ ރެފިިއުޖީންނަަށްވެސް ވަނީ ފެންބޮޑުވުމުގެ އަސަރުކޮށްފައެވެ.
އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ލަފާކުރާ ގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން "މުސީބާތް ކުރިމަތިވެފައިވާ ސަރަހައްދެއް" ކަމުގައި ކަނޑައަޅާފައިވާ ޚައިބަރް ޕަޚްތޫންޚާ ޕްރޮވިންސުގައި 8 ލައްކައަށް ވުރެ ގިނަ ރެފިއުޖީން ދިރިއުޅެއެވެ. އެ ޕްރޮވިންސަކީ ޕާކިސްތާނުގެ އުތުރުގައި، އަފްޣާނިސްތާނާ އެއް އިން ވެގެން އޮންނަ ޕްރޮވިންސެވެ.
ރިޕޯޓުގައި ބުނާގޮތުން ދެކުނުގެ ސިންދް ޕްރޮވިންސުގައި އެކަނިވެސް 1.2 މިލިއަން ހެކްޓަރުގެ ދަނޑުބިން ވަނީ ހަލާކުވެފައެވެ. އަދި އެ ޕްރޮވިންސުގެ 1.5 މިލިއަން ގެ ވަނީ ހަލާކުވެފައެވެ. މިއީ މުޅި ޕާކިސްތާނުގައި ހަލާކުވި ގެތަކުގެ %88 އެވެ.
މީގެ އިތުރަށް ބޯކޮށް ވާރޭ ވެހި، އާދަޔާ ޚިލާފަށް ފެންބޮޑުވުމުގެ ސަބަބުން ސިއްހީ ޚިދުމަތްދޭ 1460 ތަނެއްވެސް ވަނީ ހަލާކުވެފައެވެ.
ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވާ ގޮތުގައި، ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު ކާރިސާކަމުގައި ބެލެވޭ ފެންބޮޑުވުގައި، ފާއިތުވި ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން 1390 މީހުން ވަނީ މަރުވެފައެވެ.
ސެކްރެޓަރީ ޖެނެރަލް ގުޓަރޭޝްއަށް މައުލޫމާތު ދެއްވަމުން ޕާކިސްތާނުގެ އިސް އޮފިޝަލުން ވިދާޅުވެފައި ވާގޮތުގައި ފެންބޮޑުވުމުގެ ސަބަބުން އެގައުމަށް ލިބުނު ގެއްލުން 33 ބިލިއަން އެމެރިކާ ޑޮލަރަށް އަރަައެވެ. އަދި ގައުމު އަލުން ބިނާކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން އެ ގައުމަށް ބޭނުންވެއެވެ.
އދ. ގެ ސެޓެލައިޓް ސެންޓަރުން ކުރި ސާވޭއިން ދައްކާ ގޮތުގައި ޕާކިސްތާނުގެ 75 ހާސް އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެެވެ. ފެންބޮޑުވި ސަރަހައްދުގެ ދެބައިކުޅަ އެއްބަޔަކީ ދަނޑުބިންތަކެެވެ.