ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތަކީ މުޅި މުޖްތަމަޢު އިޞްލާޙްކުރުމުގެ މަތިވެރި މަޤްޞަދުގައި ކުރާ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަސައްކަތްތަކުގެ ބޭނުމަކީ މުޖްތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމާއި ކޮންމެ ރައްޔިތަކަށް ވެސް އަމާންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުންކަމުގައެވެ. މިކަންކަން ޙާޞިލުކުރުމަށްޓަކައި ޖަލުތަކަކީ ޤައިދީންނަށް ކިޔަވައިދީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުކުރާ ތަނަކަށް ހަދަންޖެހޭކަމަށާއި އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ދޭ ފަރުވާތަކާއި ނަފްސާނީ ފަރުވާ ދެވޭ ތަނަކަށް ވެސް ޖަލު ވާންޖެހޭކަން އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޖަލަކީ ޤައިދީންގެ ކިބައިގައި ހުންނަ މަސައްކަތުގެ ހުނަރާއި ފަންނުވެރިކަން ތަރައްޤީކޮށް، މަސައްކަތުގެ އަޚުލާޤަށް ހާނުވައިދޭ މަރުކަޒަކަށް ވާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް ސަރުކާރުން ގެންނަވާ މުހިންމު ބަދަލުތަކަށް އަލިއަޅުވާލައްވަމުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދާ އެއްގޮތަށް ހެދި ޖަލުތަކުގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ހުށަހެޅުންތަކާ އެއްގޮތަށް ޖަލުތަކުގެ ކަންކަން އިޞްލާޙްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށާއި ޖަލުތަކުގައި ތޮއްޖެހުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި އ.ދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމު ކުރުމުގެ މަސައްކަތް ފަށައި އެ ހަމަތަކަށް ޖަލު އޮފިސަރުން އަހުލުވެރިކުރުމުގެ ތަމްރީންތައް ހިންގަމުން އަންނަކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޕެރޯލްގެ ދަށުން މުޖްތަމަޢަށް ދޫކުރާ ޤައިދީންނަށް "ފަހި ފުރުޞަތު"ގެ ނަމުގައި އިންޓަރންޝިޕް ޕްރޮގްރާމެއް 2020 ވަނަ އަހަރު ސަރުކާރުން ފަށާފައިވާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.