ބައިނަލް އަގުވާމީ ފޮޓޯ ޗެލެންޖެއްގެ 4 ވަނަ އަށް މަތިކިޅި އީކޯ ގާޑެންގެ ފޮޓޯއެއް ހޮވިއްޖެ

އިންޓަރނޭޝަނަލް ޑޭއި އޮފް މެތެމެޓިކުސް ފޮޓޯ ޗެލެންޖު 2022 ގެ 4 ވަނައަށް މަތިކުޅި އީކޯ ގާޑެންގެ ފޮޓޯއެއް ހޮވިއްޖެއެވެ. މި މުބާރާތަކީ ދެ ހާސް ބާވީސް ވަނަ އަހަރުގެ ބައިނަލް އަގުވާމީ ހިސާބު ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ފޮޓޯ މުބާރާތެކެވެ. ބައިނަލް އަގުވާމީ ހިސާބު ދުވަހަކީ، ކޮންމެ އަހަރެއްގެ މަރޗް މަހުގެ 14 ވަނަ ދުވަހެވެ.

ހަތަރުވަނައަަށް ދިޔަ ފޮޓޯ

ދެ ހާސް ވިހިވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ މި ދުވަހާ ގުޅުވައިގެން ބާއްވާ ފޮޓޯ ޗެލެންޖަކީ، ސްކޫލް ތަކާއި ކޮލެޖް ތަކުގެ އިތުރުން އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ފޮޓޯ ޗެލެންޖެކެވެ. އެ ފޮޓޯ ޗެލެންޖު ބާއްވަމުން އައިސްފައިވަނީ ކޮންމެ އަހަރަކަށް ވަކި ޚާއްސަ ޝިޢާރެއް ކަނޑައަޅައިގެންނެވެ. ދެ ހާސް ބާވީސް ވަނަ އަހަރުގެ ޝިޢާރަކީ " މެތެމެޓިކުސް ޔުނައިޓުސް" އެވެ. އާދެ، ހިސާބު ޢިލްމު އެއްބައިވަންތަ ކޮށްދެއެވެ.  އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލްގެ ފަރާތުން ހުށަހެޅި މި ފޮޓޯއަށް ހަތަރުވަނަ  ލިބިފައިވަނީ، އެ ފޮޓޯ ޗެލެންޖަށް ހުށަހެޅުނު 3200 ފޮޓޯއާ ވާދަކޮށްގެންނެވެ. ޝަރަފުއްދީން ސްކޫލްގެ ފަރާތުން ފޮޓޯ ހުށަހަޅާފައިވަނީ އެ ސްކޫލްގެ ހިސާބު ޓީޗަރ، ސަދީގާ ޝިހާބުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފޮޓޯ ނަގާފައިވަނީ ، ޝަރަފުއްދީން ސްކޫލް ގުރޭޑު 9 ބީގެ އަލީ ޔާމީން ނަސީރެވެ. އެހެންކަމުން ފޮޓޯގެ ހައްގުވެރި ފަރާތަކީ އަލީ ޔާމީން ނަސީރެވެ. އިންޓަރނޭޝަނަލް ޑޭއި އޮފް މެތެމެޓިކުސް އޯރގަނައިޒޭޝަން ވެބްސައިޓްގެ ފޮޓޯ ގެލެރީގައި ހަތަރުވަނަ އަށް ޝާއިޢުކޮށްފައި އެވަނީ މި ދެންނެވި ފޮޓޯއެވެ.

ފޮޓޮގްރަފީ ދާއިރާގެ ބޭފުޅުން ދެކެލައްވާ ގޮތުގައި މި ފޮޓޯއަށް އެހާ ރަނގަޅު ވަނައެއް ލިބިފައިވަނީ ފޮޓޯއިން ފެންނަ މަންޒަރުގައި ހުރި ސިމެޓްރީ އަށް ބަލާފައެވެ. އެއްގޮތްކަން ހުރި ތަފާތު އެތައް މަންޒަރެއް ގުޅިފައިވާ ގޮތަށް ފެންނަހެން ނެގިފައިވާ ފޮޓޯއަކަށް ވުމެވެ. ފުރަތަމަ މަންޒަރަކީ ފޮޓޯއިން ފެންނަ ކުއްޖާ، ބުރިޖުގައި ކޮޅަށް ހުރިއިރު، ކުޑަކޮށް ދެފައި ކައްތިރިކޮށްލައިގެން ހުރި މަންޒަރެވެ. އެމަންޒަރާއެކު، ކުއްޖާގެ ފައިތިލަ އާއި ސީދާވާ ގޮތަށް ތިރިން ފެންނަ މަންޒަރަކީ، ބުރިޖުގެ ސަޕޯރޓަކަށް ޖަހައިފައިވާ ކައްތިރި ނުވތަ ބުރިޖުގެ ފައިކަށްޓެވެ. ތިންވަނަ އަށް ފެންނަނީ އެ ކައްތިރީގެ ހިޔަނި، ފެންގަނޑަށް އެޅިފައިވުމުން އިތުރު ކައްތިރިއެއްގެ މަންޒަރެވެ. އެގޮތުން އެއްކަހަލަ ގޮތަކަށް ސިފަވާ ތިން މަންޒަރެއް މަތިން ތިރިއަށް އެއްއުއިކޮށް ގުޅިފައިވާ ކަހަލަ ގޮތަކަށް ފެނިގެންދެއެވެ. ބުރިޖު މަތީގައި ހުރި ކުއްޖާގެ ފައިން ފެށިގެން ފެންގަނޑުގެ ތެރެއިން ފެންނަ ހިޔަނި ފައިކަށްޓާ ހަމައަށް އޮލަނބަށް ފެންނަ ތިން މަންޒަރެކެވެ. ސިމެޓްރިކަލް އަނެއް ސިފަޔަކީ ބުރިޖުގެ ހިޔަނި ފެންގަނޑަށް އެޅިފައިވާއިރު އަސްލު ބުރިޖާއި ދާދި އެއްގޮތްކޮށް ފެންނަ މަންޒަރެވެ. އަދި ފެންގަނޑަށް އެޅިފައިވާ އުޑުމަތީގެ ހިޔަނި މަންޒަރާއި  އުޑުމަތީގެ އަސްލު މަންޒަރާއި ދާދި އެއްގޮތްކޮށް ފެނުމެވެ. މީގެ އިތުރުން އިންސާނެއްގެ ލޮލެއްގެ ސިފައާ ގާތްކުރާ ގޮތަކަށް މުޅި ފޮޓޯގެ ފްރޭމް ފެނުމެވެ.

މިއީ މި މުބާރާތުގައި ދިވެހިރާއްޖޭގެ ތަނެއްގެ ފޮޓޯއެއް މި ވަރުގެ ވަނައަކަށް ހޮވުނު ފުރަތަމަ ފަހަރު ކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެހެންމެ ރާއްޖޭގެ އީކޯ ޕާކެއްގެ މަންޒަރު ދައްކައިދޭ ފޮޓޯއަކަށް ބައިނަލް އަގުވާމީ ޕޮޓޯ ޗެލެންޖެއްގައި މިވަރުގެ ވަނައެއް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ. މީގެ އިތުރުން ގައުމީ ފެންވަރުގެ ފޮޓޯ ޗެލެންޖެއްގައި ވެސް، މަތިކިޅި އީކޯ ގާޑެންގެ ފޮޓޯއަކަށް ފަޚުރުވެރި 1 ވަނަ ލިބިފައިވެއެވެ. އެއީ ދެ ހާސް ނަވާރަވަނަ އަހަރު ބޮޑުއީދު ޗުއްޓީ ތެރޭގައި، ބޭންކު އޮފް މޯލްޑިވްސްގެ ފަރާތުން "އީދު ކިހިނެތް" ނަމުގައި ބޭއްވި ފޮޓޯ ޗެލެންޖެކެވެ. އެ ފޮޓޯ ޗެލެންޖު ކުރިއަށް ގެންގޮސްފައިވަނީ އީދުގެ އެންމެ އުފާވެރި ހިނދުކޮޅުތަކުގެ ފޮޓޯތައް ޓްވިޓާ އާއި އިންސްޓަގްރާމް މެދުވެރިކޮށް ޝެއާކޮށްގެންނެވެ. އެއަށް ފަހު އެންމެ ގިނަ ލައިކްސް ލިބުނު ފޮޓޯ ތަކުގެ މެދުގައި  ގުރުއަތު ލައިގެން އެކެއް، ދޭއް އަދި ތިންވަނަ ހޮވާފައިވެއެވެ. އެގޮތަށް ޓުވިޓާ އާއި އިންސްޓަގްރާމް ކޮންމެ ޕްލެޓްފޯމަކުން ތިން ނަސީބުވެރިން ހޮވާފައިވެއެވެ. ޓުވިޓާގައި  އެއްވަނަ އަށް ހޮވުނު މަތިކިޅި އީކޯ ގާޑެންގެ ފޮޓޯ ހުށަހެޅި ފަރާތަށް 5000 ރުފިޔާގެ އިނާމު ލިބިފައިވެއެވެ. އެ ފޮޓޯ ޗެލެންޖުގައި ވެސް އަށް ސަތޭކަ ފަރާތަކުން ބައިވެރިވެ ފޮޓޯ ހުށަހަޅާފައިވެއެވެ.

މަތިކިޅި އީކޯ ގާޑެނަކީ، އައްޑޫ ސިޓީ މީދޫގެ އިރުމަތީ ފަޅީގައި ސަރާސަރު ސަރަހައްދަކަށް ފެތުރިފައި އޮންނަ ޗަސްބިމާއި ކުޅީގެ މެދުތެރޭގައި ހަދާފައިވާ ގާޑެނެކެވެ. އީކޯ ގާޑެން ހެދުމުގެ މަސައްކަތް ފަށާފައިވަނީ، ދެ ހާސް ސަތާރަ ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މަތިކިޅި އީކޯ ގާޑެން ވެފައިވަނީ ރާއްޖޭގައި ހެދުނު ފުރަތަމަ ވެޓްލޭންޑު ގާޑެން ނުވަތަ ވެޓްލޭންޑު ޕާކަށެވެ. މަތިކިޅި ފަދަ ގުދުރަތީ ހިތްގައިމު މާހައުލަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ އެޑްއޮން އެއްގެ ގޮތުގައި ހެދުނު ފުރަތަމަ ޕާކެވެ. މަތިކިޅި އީކޯ ގާޑެންގެ ތަޞައްވަރު ގެންނަވައި އެ މަޝްރޫޢު ލީޑުކުރައްވާ އެއް ފައުންޑަރ މެމްބަރު ކަމަށްވާ، އަބްދުއްﷲ ޒުހުރީ މަތިކިޅި އީކޯ ގާޑެނާ ބެހޭ މައުލޫމާތު ދެއްވަމުން ބުނުއްވި ގޮތުގައި ގިނަ ބައެއްގެ މެދުގައި މަތިކިޅި އީކޯ ގާޑެން މަގުބޫލު ތަނަކަށް ވެފައިވަނީ، ރާއްޖޭގެ އެހެން އީކޯ ޕާކުތަކާ ތަފާތު ޚާއްސަ ސިފަތަކެއް މަތިކިޅި އީކޯ ގާޑެންގައި ހުރުމެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ތަފާތު އެއް ކަމަކީ، ވަށައިގެން ފެންގަނޑު އޮންނަހެން އޮތް ކުޑަކުޑަ ދެ ރަށާއި އެދެ ރަށަށް ދެވޭގޮތަށް ގާޑަން ބުރިޖާއި ވޯލްވޭތަކުން ގުޅުވާފައި އޮތުމެވެ. ކުދި ޖަޒީރާ ރަށްތަކަކީ އަބަދުވެސް އިންސާނުންގެ ހިތް ދަމައިގަންނަ ހުވަފެނީ ތަޞައްވުރެއް ފަދަ އެއްޗެކެވެ. ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ކުދި ރަށްތަކުގައި ރިސޯޓް ތަރައްގީކުރުމުން ވެސް އެހާ މަގުބޫލު މަންޒިލް ތަކަށްވާ މައިގަނޑު އެއް ސަބަބަކީ އެއީއެވެ. ކޮންމެއަކަސް، މި ދެންނެވިހެން ތަނުގެ ގުދުރަތީ މާހައުލާ ގުޅޭގޮތަށް ހަދާފައިވާ ގާޑެނާއެކު، ވަށައިގެން ސަރާސަރު ސަރަހައްދަކަށް ފެތުރިފައިވަނީ ރީތި ފެހި އެހާމެ ހިތްގައިމު މާހައުލެކެވެ. އާދެ، މުޅި އެ މާހައުލު ސިފަވަނީ ވަށައިގެން މާދުރަށް ފެތުރިފައިވާ ފެހި ދޫލައެއް ހެންނެވެ. މަތިކިޅި އީކޯ ގަޑެނާއި ރާއްޖޭގައި  ހުރި ބޮޑެތި އެހެން ނޭޗަރ ޕާކުތަކާ ހުރި އެންމެ ބޮޑު ތަފާތަކީ އެއީއެވެ. އެހެން ނޭޗަރ ޕާކުތަކަކީ ބޮޑެތި ފެންކުޅިތަކުގައި ހަދާ ތަންތަނެވެ. އެގޮތުން އެ ޕާކުތަކުގެ ބޮޑު ބަޔަކީ ފަޅެއްގެ ސިފައިގައި ފެންނަ ފެންގަޑެވެ. އެހެންކަމުން މަތިކިޅި އީކޯ ގާޑެނާއެކު ސަރާސަރު ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ފަދަ ގްރީން ފީލްޑެއް ރާއްޖޭގެ އެހެން ޕާކުތަކާއެކު ފެނިގެނެއް ނުދެއެވެ.

ގުދުރަތީ މަންޒަރުތައް ފޮޓޯ ނެގުމަށް ޝައުގުވެރިވާ މީހުންގެ މެދުގައި މަގުބޫލު ތަނަކަށް މަތިކިޅި އީކޯ ގާޑެން ވެފައިވަނީ މި ދެންނެވި ފީޗަރސްތައް އެކުވުމުންނެވެ. އެ ފީޗަރސްތަކާއެކު ގުދުރަތީ ސީނަރީ ފޮޓޯ ތަކަށް މުޅި މާހައުލުގެ ސެޓިން އިތުރަށް ފައްކާވެފައި ހިތްގައިމުވުމެވެ. ރާއްޖޭގެ އެހެން އީކޯ ޕާކުތަކަށް ޒިޔާރަތްކޮށް އެތަންތަން ތަޖުރިބާކޮށްފައިވާ ގިނަ ބަޔަކު ވެސް ވަނީ މަތިކިޅި އީކޯ ގާޑެނަށް ޒިޔާރަތްކޮށްފައެވެ. އަދި މަތިކިޅި އީކޯ ގާޑެންގެ ހިތްގައިމުކަމާއި ތަފާތުކަމާމެދު އެމީހުންގެ ފަރާތުން ވެސް އެގޮތަށް ކޮމެންޓްސް ލިބޭ ކަމުގައި ޒުހުރީ ފާހަގަކުރެއްވިއެވެ.

މިހާ ތަނަށް އެންމެ ގިނަ ބަޔަކު ޒިޔާރަތްކޮށް އެންމެ ގިނައިން ފޮޓޯ ނެގިފައިވާ ދިވެހިރާއްޖޭގެ އީކޯ ޕާކަކަށް މަތިކިޅި އީކޯ ގާޑެން ވާނެއެވެ. އަދި އެހެންމެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އެންމެ ގިނައިން ޝެއަރކުރެވިފައިވަނީ ވެސް މަތިކިޅި އީކޯ ގާޑެންގެ ފޮޓޯތަކެވެ.

1 ޚިޔާލު

  1. މަތިކިޅި އީކޯ ގާޑަނަކީ ނަމޫނާ މަސައްކަތެއް. ރާއްޖޭގައި ހުރި މިފަދަ އެހެން ތަންތާގައި ކުދިކުދި ޕާރކުތައް މަދަނީ ގުރޫޕުތަކުން އަމިއްލައަށް އިސް ނަގައިގެން ހަދަން ފެށީ މަތިކިޅި އީކޯ ގާޑަންެގެ އައިޑިއާއިން އިންސްޕައަރވެގެން ކަމަށް ގަބޫލުކުރެވޭ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.