ގާނޫނަށްވުރެ މަތީގައި ނުހުރެވޭނެކަން މައުމޫންވެސް ދަންނާތި- ޝައިނީ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމްވެސް ހުންނަވަން ޖެހޭނީ ގާނޫނަށްވުރެ ދަށުގައި ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ ޝައިނީ ވިދާޅުވެއްޖެއެވެ.

މައުމޫން ދިރިއުޅުއްވާ މާފަންނު އެންދެރިމާގެ ބަލައި ފާސްކުރަން ފުލުހުން ދިޔުމުން އެކަމަށް މައުމޫން ފާޑުވިދާޅުވެ، އެކަމާ ދެކޮޅަށް މައުމޫން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި ޑރ ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގާނޫނަށްވުރެ މަތީގައި މައުމޫނަށްވެސް ނުހުންނެވޭނެ ކަމަށެވެ. އަދި 'ބަޣާވާތެއް ގެންނަން' ގާނޫނުގައި މައުމޫނަށްވެސް ފުރުޞަތު ނެތް ކަމަށެވެ. އެހެންކަމުން ގާނޫނަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެކަން މައުމޫންވެސް ދަންނަންޖެހޭނެ ކަމަށް ޑރ ޝައިނީ ވިދާޅުވިއެވެ.

މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ފުލުހުން ބޭނުން ކޮންމެ ވަގުތަކު މައުމޫން ދިރިއުޅުއްވާ ގެއަށް ގޮސް ބަލައި ފާސްކުރުމުގެ ސަބަބުން އާއިލާގެ ސަލާމަތަށް ނުރައްކާވާ ކަމަށެވެ. އަދި މައުމޫން އިއްޔެ ގޭގައި ނޫޅުއްވާ ވަގުތުގައި ފުލުހުން 'ވަދެގަތް" ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ މައުމޫން އިއްޔެ ދެއްކެވި ވާހަކަފުޅު ގިނަވެގެން ދިޔައީ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން އަނބުރައި އިއްޔެ ޖަލަށް ގެންދިޔުމާއި ގުޅިގެންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.