ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް ދިރިއުޅުއްވާ ގެ ކަމުގައިވާ މ. އެންދެރިމާގެ ބަލައި ފާސްކުރަން މިރޭ ދިޔަ ފުލުހުން އެގަޔަށް ވަނަނުދީ ފޮނުވާލައިފިއެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ކޯޓު އަމުރެއް ހިފައިގެން ދިޔައީ ފާރިޝް އެގޭގައި ދިރިއުޅޭ ކޮޓަރިއަކާއި އޮފީހެއް ބަލައި ފާސްކުރާށެވެ. ނަމަވެސް ފުލުހުން ބަލައި ފާސްކުރަން އުޅުނު ތަންތަނުގެ ތެރޭގައި ރައީސް މައުމޫން އާއި އަނބިކަބަލުން ނަސްރީނާ އިބްރާހިމް ދިރިއުޅުއްވާ ކޮޓަރިވެސް ހިމެނޭތީ ކޯޓު އަމުރުގައި އެ ކޮޓަރި ބަލައި ފާސްކުރަން ލިޔެފައި ނެތް ކަމަށް ރައީސް މައުމޫން ވަނީ ފާސްކުރަން ދިޔަ ފުލުހުންނަށް އަންގަވާފައެވެ.
ގެ ބަލައި ފާސްކުރަން ދިޔަ ފުލުހުންނަށް މައުމޫން އެންގެވި ކަމަށް ވަނީ އެގޭގައި ފާރިޝް ގެ ކޮޓަރިއެއްވެސް އަދި އޮފީހެއްވެސް ނުހުންނާނެ ކަމަށާއި ފާރިޝް ދިރިއުޅޭ ތަންތަން ބަލައި ފާސްކުރަން ބޭނުންނަމަ މާފުށީ ޖަލު ބަލައި ފާސް ކުރުމަށެވެ. ފުލުހުން އެ ގެޔަށް ވަންނަން ރައީސް މައުމޫން ހުރަސް އެޅުމުން ފުލުހުން ވަނީ އެނބުރި ގޮސްފައެވެ.
އެންދެރިމާގެ ޗެކް ކުރަން ދިޔައިރު މައުމޫންގެ ދަރިކަލުން ފާރިޝް މިހާރު ވަނީ އަލުން އަނބުރައި ޖަލަށް ގެންގޮސްފައެވެ.