މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ ފޮރިން ސަރވިސް އެކަޑެމީގެ ރެކްޓަރ ހިޒް އެކްސެލެންސީ އެމްބެސެޑަރ އަސަދު އަލަމް ސިއާމްގެ ދައުވަތަކަށް ބަންގްލަދޭޝް ފޮރިން ސަރވިސް އެކަޑަމީ އާއި ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓްއާ އެކު ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޝްވަރާ ތައް ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ހިޒް އެކްސަލަންސީ ޑރ. އޭ.ކޭ. އަބްދުލް މޮމެން އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. އަދި ބަންގްލަދޭޝް ގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ޝަހްރިއްޔާ އާލަމްއާ ވެސް ބައްދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުންތަކުގައި ރާއްޖޭގެ ފޮރިން ސަރވިސް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ދެގައުމަށް މުހިއްމު ދާއިރާތަކަށް އަމާޒުކޮށް، ބަންގްލަދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައްވެސް ކުރެވުނެވެ.