ނަޖީބު ރައްޒާޤު ޖަލަށް: މެލޭޝިއާގައި ވައްކަންކޮށްގެން ޖަލަށްލީ ފުރަތަމަ ބޮޑުވަޒީރު

ނަޖީބުވަނީ ސަރުކާރުގެ 4.5 ބިލިއަންޑޮލަރު ލޫޓުވާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައި

23 އޯގަސްޓް 2022 ވީ އަންގާރަ ދުވަސް ވެގެންގޮސްފައިވަނީ މެލޭޝިއާގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް އެޤައުމުގެ ކުރީގެ ބޮޑުވަޒީރަކު، ޤައުމުގެ މާލިއްޔާއިން ވަށްކަންކޮށްގެން ޖަލަށްލީ ތާރީޚީ ދުވަސްކަމުގައެވެ. މިފަޚުރުވެރި ކަޅުތާރީޚު ގުޅިފައިވަނީ، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤާއެވެ. ނަޖީބު ވަށްކަންކުރީ ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑުންނެވެ. ސަރުކާރުގެ މާލިއްޔާއިން 4.5 ބިލިއަން ޑޮލަރު ލޫޓުވާލައި، ނަޖީބުގެ އަމިއްލަ އެކައުންޓްތަކަށްވަނީ ޖަމާކޮށްފައެވެ. މިވަށްކަމުގެ އަދަބަކަށް ކަނޑައެޅުނީ 12 އަހަރަށް ޖަލަށް ލުމަށެވެ. ޖަލުޙުކުމުގެ އިތުރަށް ޖޫރިމަނާވެސް ހިމެނެއެވެ.

ނަޖީބުގެ މައްޗަށް މިޙުކުމް އައިސްފައިވަނީ، މެލޭޝިއާގެ އެންޓިކަރަޕްޝަންގެ ޙަރަކާތްތެރިން އެތައްއަހަރެއްވަންދެން ކުރި ބުރަ މަސައްކަތުންނެވެ. ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑަކީ، ނަޖީބުގެ ބޮޑުވަޒީރުކަމުގައި 2009 އިން 2018 އަށް ހިންގި ފަންޑެކެވެ. އެފަންޑް ހިންގާފައިވަނީ، ސަރުކާރު ފައިސާއިން ވައްކަންކުރުން މަޤްޞަދަކަށް ހަދައިގެންކަން މިހާރުމިވަނީ ސާބިތު ވެފައެވެ.

ނަޖީބުގެ މައްޗަށް 12 އަހަރުގެ ޖަލުޙުކުމެއް އިއްވަމުން، މެލޭޝިއާގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ، ނަޖީބު ސަލާމަތްކުރުމަށްޓަކައި އޭނާގެ ވަކީލުންވަނީ، ދަށުކޯޓުތަކުން ދަމަހައްޓާފައިވާ ޙުކުމް އެއީ ރަނގަޅުނޫން ޙުކުމެއްކަން ސާބިތުކޮށްދިނުމުގައި ފެއިލްވެފައި ކަމުގައެވެ. ސަރުކާރުގެ ފައިސާއިން ވަށްކަންކުރާ ބޮޑެތިވަގުން ސަލާމަތްކުރުމަށްޓަކައި ބޮޑުއަގު ލިބޭތީ، ފައިސާއަށް ދަހިވެތި ލޯޔަރުންތަކެއްގެ މައްޗަށް ހިމެނޭ ލޯޔަރުންގެ ޓީމެއް ނަޖީބާއެކުވެސް މަސައްކަތް ކުރިއެވެ. ސަރުކާރު ފައިސާއިން ނަޖީބުކުރި ބޮޑުވަށްކަން ފޮރުވައި، ނަޖީބު ސަލާމަތްކުރުމަށްޓަކައި އެތައްދުވަހެއްވަންދެން ނުފުރޮޅާ އެންމެ ގާކޮޅެއްވެސް އެމީހުން ދޫކޮށްލާފައެއް ނުވެއެވެ. ޤާނޫނުގައި ހުރި ހަނިލޯވަޅުތަކުން އަލިކަމެއްފެނޭތޯ އެތައް ބަހަނާއެއް ދައްކައި، އަކުރުތަކުގައި ހިފައި، ދަމައިގެންވެސް ނަޖީބަށް ސަލާމަތެއް ނުވެވުނެވެ. ސަރުކާރުގެ ފައިސާއިން ވަށްކަންކޮށްފައިވާ ނަޖީބުގެ ދިފާޢުގައި އޭނާއަށް ވާގިވެރިވާން އެތައްބަޔަކު މަގުމައްޗަށް ނުކުތެވެ. އެމީހުންނަށް އެކުރެވެނީ ކީއްކަމެއް ޚުދު އެމީހުންނަކަށްވެސް ނޭނގެއެވެ. އެމީހުންނަށް ނޭނގިތިބެ، އެ ވާގިވެރިވެވެނީ ޚުދުއެމީހުންގެ ފައިސާއިން ވަށްކަންކޮށްފައިވާ މީހަކަށްކަން އެމީހުންގެ ވިސްނުމަށް ގެނެވޭވަރަށްވުރެ ބޮޑަށް، އެމީހުންގެ ވިސްނުމަށްވަނީ ޝައިޠާނާ ސަވާރުވެފައެވެ. ވިސްނުމާއި ފިކުރާ ކުޅެވިފައެވެ.

ސިކުނޑިއާ ކުޅެލެވިފައިވާ އަންހެނުންތަކެއް، ނަޖީބު ރައްޒާޤަށް ތާއީދުކުރަން މެލޭޝިއާގެ ފެޑެރަލްކޯޓުގެ ބޭރުގައި

ނަޖީބުގެ މައްޗަށް 12 އަހަރުގެ ޖަލުޙުކުމް އިއްވީ، 5 ފަނޑިޔާރުންގެ ޕެނަލަކުންނެވެ. ނަޖީބުގެ މައްޗަށް 12 އަހަރުގެ ޖަލުޙުކުމާއި 210 މިލިއަން ރިންގިޓްގެ ޖޫރިމަނާގެ ޙުކުމްކުރީ މެލޭޝިއާގެ ހައިކޯޓުން 2020 ވަނައަހަރުއެވެ. ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއެކު، 7 ކުށެއް ނަޖީބުގެމައްޗަށް ސާބިތުވެފައި ވެއެވެ. އެއީ، ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑުގެ ސަބްސިޑިއަރީއެއް ކަމުގައިވާ އެސް އާރ ސީން 42 މިލިއަން ރިންގިޓް ވަގަށްނަގައި، ނަޖީބުގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން ސާބިތުވުމާ ގުޅިގެންނެވެ. ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑާ ގުޅިފައިވާ އިތުރު 4 ދަޢުވާއެއް ނަޖީބުގެ މައްޗަށް ކުރެވުނެވެ. އެހެންނަމަވެސް އޭނާގެ ވަކީލުންގެ ޓީމުންވަނީ އެދަޢުވާތަކުން އޭނާ ސަލާމަތްކޮށްދީފައެވެ.

ނަޖީބުގެމައްޗަށް އިއްވުނު ޙުކުމާގުޅިގެން، އިތުރު ޙައްޤުތަކެއްވެސް އޭނާގެ ކިބައިންވަނީ ޤާނޫނީގޮތުން ނިގުޅައި ގަނެވިފައެވެ. އެއީ، ޕަހާންގ ސްޓޭޓްގެ ޕެކާންގެ ރައްޔިތުންގެ މަޖިލީހުގެ އޮފީހަށް ކުފޫހަމަވުމާއި، އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤެވެ. އެ ޙައްޤުތައްވަނީ ޤާނޫނީގޮތުން ނަޖީބުގެކިބައިން ނިގުޅައިގަނެވިފައެވެ.  ޙުކުމް އިއްވުމަށްފަހު، ފަނޑިޔާރުން ނުކުމެވަޑައިގަތުމުން، ނަޖީބުގެ އަންހެނުންނާއި އަންހެންދަރި އަދި ދެފިރިހެންދަރިން ނަޖީބުވަށައިލިއެވެ.

ނަޖީބުގެ އަންހެނުން ރޮސްމާގެ މައްޗަށްވެސް ވަނީ ޚިޔާނާތާއި ވަށްކަމުގެ ދަޢުވާ އުފުލިފައެވެ. އެއީ، މެލޭޝިއާގެ ސަރަވަކްގެ ރަށްފުށުގެ ސްކޫލްތަކުގެ ސޯލާރ އެނަޖީއާ ބެހޭ ޕްރޮޖެކްޓަކުން، 1.25 ބިލިއަން ރިންގިޓް ވަގަށް ނަގައި ޚިޔާނާތްތެރި ވެފައިވާ މައްސަލައެއްގައެވެ. ނަޖީބުގެ އަންހެނުންގެ މައްޗަށް ޙުކުމް ކުރުމަށް ތާވަލުކުރެވިފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދުވަހަށެވެ.

ފެޑެރަލްކޯޓުގެ ޙުކުމް އިއްވިތާ ގަޑިއެއްހާއިރުގެ ތެރޭގައި، ނަޖީބުވަނީ، ކުއާލަލަމްޕޫރާ 30 ކިލޯމީޓަރު ފުރުގައިހުންނަ ކަޖަންގް ޖަލަށް ގެނދެވިފައެވެ.

އުއްތަމަ ފަނޑިޔާރު ޙުކުމް ކުރެއްވުމުގެކުރިން، ނަޖީބުވަނީ އޭނާގެ ބަޔާނެއް ކޯޓަށް އިއްވާފައެވެ. އެބަޔާނުގައިވަނީ، ނަޖީބުގެ އާ ވަކީލަށް ދިފާޢީ ހެކިތަކުގެ ކަރުދާސް ތައްޔާރުކުރުމަށް ޙުކުމް އިއްވުން ލަސްކުރުމަށް އެދުނު އެދުން ކޯޓުން ޤަބޫލުނުކުރުމުން އޭނާއަށް އިންޞާފު ގެއްލިފައިވާ ކަމުގައެވެ.

ނަޖީބަށް ކުރެވުނު ޙުކުމަކީ ޢަދްލުވެރި ޙުކުމެއްކަމަށް ޤަބޫލުނުކުރާނަމަ، އަލުން ކޯޓަށް އެޕީލް ކުރުމުގެ ޙައްޤު އަދިވެސް ނަޖީބަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެއީ ޙުކުމް ތަންފީޒު ކުރަން ފެށުމުގެ ފަހުންނެވެ.

މެލޭޝިއާގައި 9 ރަސްކަލަކު އުޅުއްވައެވެ. އަދި ރަސްކަން 5 އަހަރުދުވަހުގެ ޓާމަކުން ބަދަލުވެއެވެ. މިވަގުތު ރަސްކަމުގައި އިންނެވީ، ޕަހާންގ ސްޓޭޓަށް ނިސްބަތްވާ ޝާހީޢާއިލާގެ ރަސްގެފާނު، ސުލްޠާން ޢަބްދުﷲ ސުލްޠާން އަޙްމަދު ޝާހެވެ. ނަޖީބު ބޭނުންކަމަށްވަންޏާ ރަސްގެފާނުގެ ޝާހީ މަޢާފަށް އެދި ހުށަހެޅިދާނެއެވެ. 2018 ވަނައަހަރުގެ ތެރޭގައި، އަންވަރު އިބްރާހީމަށްވަނީ ޝާހީ މަޢާފު ލިބިފައެވެ. ނަޖީބަށް އެމަޢާފު ލިބިއްޖެނަމަ، ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ތަނަވަސްވެގެންދާނެއެވެ. އެހެންނަމަވެސް، ނަޖީބުގެ މައްސަލަ ގުޅިފައިވަނީ، ވަށްކަމާއި ޚިޔާނާތާއެވެ. އަންވަރު އިބްރާހީމާ ގުޅިފައިއޮތީ ސިޔާސީ ކަންތައްތަކެކެވެ.

ނަޖީބު ރައްޒާޤު މެލޭޝިއާގެ ސިޔާސީ ޙަރަކާތުގެ އިސްސަފަށްވަނީ، އޭނާގެ ބައްޕަ، މެލޭޝިއާގައި ދެވަނަޔަށް ބޮޑުވަޒީރުކަން ކުރެއްވި ޢަބްދުއްރައްޒާޤު ޙުސައިން އަވަހާރަވުމާގުޅިގެންނެވެ. ޢަބްދުއްރައްޒާޤު ޙުސައިނަކީ، ރައްޔިތުންގެ ލޯތްބާއި ސިޔާސީ މަޝްރަޙުގައި އިޙްތިރާމް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ނަޖީބާ ޚިލާފަށް، ޢަބްދުއްރައްޒާޤު ޙުސައިން އަވަހާރަވީވެސް، އެލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނަވައެވެ.

ނަޖީބަށް އިއްވުނު ޙުކުމް، އޭނާއަށް ތާއީދުކުރާމީހުން ޤަބޫލެއް ނުކުރެއެވެ. ވާނީވެސް އެހެންނެވެ. ދުނިޔޭގެ ކޮންމެތާކުވެސް މިފަދަ ކަންކަމުގައި އެއްބަސްނުވާމީހުން ތިބޭނެއެވެ. އަނެއްކޮޅުން، ޖިނާޢީ ޢަދްލަށް ލޯބިކުރާ މީހުން، މުޅި މެލޭޝިއާގައި ގެންދަނީ އުފާ ފާޅުކުރަމުންނެވެ. އެއީ، ބާރުގައިތިބޭ މީހުންކުރާ ވަށްކަމާއި ޚިޔާނާތުގެ ޢަމަލުތަކަށް ޙައްޤު އިންޞާފު ޤާއިމް ކުރެވުނީމައެވެ. އަދި ވަށްކަމާއި ޚިޔާނާތާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ތާރީޚީ ކާމިޔާބީއަކަށް ވާތީއެވެ.

ނަޖީބުގެ ޢުމުރަކީ 69 އަހަރެވެ. 12 އަހަރުގެ ޖަލުޙުކުމް އެއްކޮށް ތަންފީޒު ކޮށްފިނަމަ، ނަޖީބުގެ ޢުމުރުން ހުންނާނީ 81 އަހަރުވެފައެވެ. ދައުލަތުގެ ވަކީލުން ހޯދިހޯދުމުގައި، ވަގަށްނެގި ފައިސާއިންވަނީ އަގުބޮޑު ޔޮޓެއް ގަނެފައެވެ. އަދި ހޮލީވުޑްގެ ބްލޮކްބަސްޓަރ "ދަ ވޮލްފް އޮފް ވޯލް ސްޓްރީޓް" އަށްވެސްވަނީ އިންވެސްޓް ކޮށްފައެވެ. އެފިލްމަކީ، ނަޖީބުގެ ދޮންދަރިއެއް އުފައްދާފައިވާ ފިލްމެކެވެ. ދެންހުރި ފައިސާއިން، 700 އަށްވުރެ ގިނަމިލިއަން ޑޮލަރުވަނީ ނަޖީބުގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކުރެވިފައެވެ.

ކޯޓު މަރުޙަލާގެ އެންމެ ފަހުވަގުތުގައި، ޙުކުމް އިއްވުންލަސްކުރުމަށްޓަކައި، ނަޖީބުގެ ވަކީލުން އެތައް މަސައްކަތެއްކޮށްފައި ވެއެވެ. އޭގެ ތެރޭގައި، މެލޭޝިއާގެ އެންމެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރުކަމުގައިވާ، މައިމުން ފަނޑިޔާރުންގެ ޕެނަލުން ވަކިކުރުމަށް ހުށަހަޅާފައި ވެއެވެ. ވަކީލުން އުފެއްދި މައްސަލަޔަކީ، އުއްތަމަ ފަނޑިޔާރުގެ ފިރިކަލުން، ނަޖީބާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކޮމެންޓެއް ކޮށްފައި އޮތުމެވެ. އެކަމާގުޅިގެން އުއްތަމަ ފަނޑިޔާރުގެ ހިތް ނަޖިބާމެދު ގޯސްވެފައިވާނެކަމަށް ވަކާލާތު ކުރިއެވެ. އެހެންނަމަވެސް، އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

ނަޖީބުގެ މިލްކުގައިވާ ތިންގެޔެއް ފުލުހުން ފާސްކުރިއެވެ. އަދި އެތިންގެއިން 350 ފޮށިގަނޑު ނެރެފައި ވެއެވެ. އެފޮށިތަކުގައިހުރީ، ނަގުދު ފައިސާއާއި ގަހަނާއާއި ޑިޒައިނަރ ދަބަހެވެ. މިތަކެތީގެ އަގު، 273 މިލިއަން ޑޮލަރަށް އަރައެވެ.

ސިޔާސީ މުފައްކިރުން ޤަބޫލުކުރާގޮތުގައި، ނަޖީބުގެ ޙުކުމާގުޅިގެން، އޮކްޓޯބަރ މަހުގެ ތެރޭގައި މެލޭޝިއާގައި އިންތިޚާބު ބޭއްވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަޖީބުގެ މައްޗަށް ސާބިތުވި ވަށްކަމާއި ޚިޔާނާތާގުޅިގެން ފެޑެރަލް ކޯޓުން ދެމެހެއްޓި ދަށުކޯޓުތަކުގެ ޙުކުމާ ގުޅިގެން، މެލޭޝިއާގައި އޭނާއަށް ވަނީ ވަނަމެއް ދެވިފައެވެ. އެއީ "މޭން އޮފް ސްޓީލް" ގެނަމެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.