ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ވަނީ އިތުރުވެފަ: ނައިބު ރައީސް ފައިސަލް ނަސީމް

ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާކަމަށް ނައިބު ރައިސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް" ފެށުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މި ދަނޑިވަޅަކީ މިކަމަށް އިތުރު ސަމާލުކަމެއް ދީގެން ތުއްތު އިރުން ފެށިގެން ކުދިން ރަނގަޅު ޞިއްޙަތެއްގައި ބޭތިއްބުމަށް މަސައްކަތްކުރަންވީ ވަގުތުކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ ސްކޫލް ދައުރުގައި ކުދިންނަށް ދަސްކޮށްދޭ އާދަކާދައަކީ މުޅި ޢުމުރު އެކުދިންގެ ގައިގައި ހަރުލާފައި ހުންނަ އާދަކާދަކަމަށާއި ކުދިންގެ ޅަފަތުން ނު ފެށިގެން ރަނގަޅު ޞިއްޙަތެއްގައި ދެމިހުރުމަށް މަސައްކަތްކުރުމުގެ ގޮތުން ރަނގަޅު ކާނާ ކެއުމާއި، ކަސްރަތުކުރުން ފަދަ ކަންކަން ކުރުމަށް ސަމާލުކަންދިނުމަށް އެދިވަޑައިގަންނެވިއެވެ.

ހެލްތް ޕްރޮމޯޓިންގް ސްކޫލް ކޮންފަރެންސަކީ އެކަމުގެ ސަބަބުން ދަރިވަރުންނަށް ގިނަ ގުނަ ފައިދާތަކެއް ކުރާނެ ކޮންފަރެންސެއްކަމަށާއި، މި ކޮންފަރެންސް މި ފެށެނީ ވަރަށް މުނާސަބު ވަގުތެއްގައި  ކަމަށް ވެސް ވިދާޅުވިއެވެ.

"ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް" އަކީ ހެލްތް ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ ތަންފީޒްކުރުމަށް ބާރުއެޅުމަށާއި، ކޮންފަރެންސްގައި ބައިވެރިވާ ސްކޫލުތަކުގައި ހެލްތް ޕްރޮމޯޓިންގ ސްކޫލްގެ ޑައިމެންޝަންތަކަށް ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރުމަށާއި، ސްކޫލްތަކުގެ ތަޖުރިބާތައް ހިއްސާކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގެ ތީމަކީ " ސަސްޓެއިން ގުޑް ޕްރެކްޓިސަސް، އެމްބްރޭސް އިނޮވޭޝަންސް އެންޑް އެސެލެރޭޓް ޕްރޮގްރެސް" އެވެ.

މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއާއި ގުޅިގެން ތާޖުއްދީން ސްކޫލުގެ އެހީތެރިކަމާއިއެކު މުޅިން އަލަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސެކެވެ.

މާލެ ސަރަޙައްދުގެ 17 ސްކޫލެއްގެ މުވައްޒަފުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ހިމެނޭ ގޮތަށް ޖުމްލަ 136 ބައިވެރިންނާއެކު ފަށާ މި ކޮންފަރެންސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 2022 އޮގަސްޓް 25 އަދި 27 ގައި ތާޖުއްދީން ސްކޫލްގައެވެ. މި ބައިވެރިންގެ އިތުރުން ވެސް އަތޮޅުތަކުން ޖުމްލަ 79 ސްކޫލެއް އޮންލައިންކޮށް އޮބްޒާވަރުންގެ ގޮތުގައި މި ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.