މިވީގޮތުން އިތުރަށް ލިބެންވީ ހިތްވަރު، ތިން ލީޑަރުން މިނިވަން ކުރޭ- ފާރިޝް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ކުރެވުނު ދައުވާއާއި ގުޅިގެން 6 މަސް ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިއަދު ޖަލުން މިނިވަން ކުރުމަށް އިއްވި ޙުކުމުގެ ސަބަބުން އިތުރަށް ލިބެންވީ ހިތްވަރު ކަމަށް މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން ވިދާޅުވެއްޖެއެވެ.

ތިން ޝަރުތަކާއެކު ޖަލުން މިނިވަންކޮށް މިއަދު ދޫކޮށްލެއްވުމުން ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފާރިޝް ވިދާޅުވީ މިއަދު އިއްވި ޙުކުމުން އެނގިގެން ދިޔައީ ބަޔަކު ބޭނުންހާ ގޮތަކަށް މިގައުމުގައި ކަންކަން ކުރަން ދިވެހި ރައްޔިތުން ފުރުޞަތު ނުދޭނެ ކަމެވެ.

ފާރިޝް ވިދާޅުވީ ކޯޓުން އޭނާ ޖަލުން މިނިވަން ކުރުމަށް އިއްވި ޙުކުމުގައި ގާނޫނު އަސާސީގެ ބަޔެއް މާއްދާތަކަށް ރިއާޔަތް ކޮށްފައިވާތީ އުފާ ކުރައްވާ ކަމަށެވެ. ފާރިޝް ވިދާޅުވީ އަދިވެސް އުންމީދު ނުގެއްލޭ ކަމަށާއި ދިވެހި ރައްޔިތުން ބޭނުންވާ މާހައުލު މި ގައުމުގައި ގާއިމް ވާނެކަމަށް އުންމީދު އެބައޮތް ކަމަށެވެ.

ޖަލުން ދޫކޮށްލުމަށް އިއްވި ޙުކުމަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ދެއްކެވި ވާހަކައިގައިވެސް ފާރިޝް ވަނީ މިވަގުތު ޖަލު ހުކުމުގައި ތިއްބެވި އިދިކޮޅު ހަރަކާތުގެ އެންމެ އިސް ތިން ލީޑަރުން ކަމުގައިވާ އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދާއި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އާއި އަދާލަތުގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ޖަލުން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. އަދި ޖަލުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙަންމަދު ނާޒިމްވެސް މިނިވަން ކުރުމަށް ފާރިޝް މިއަދު ގޮވާލެއްވިއެވެ.

ޝަރީއަތްކޮށް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރެފައިވާ ފާރިޝް މިއަދު ދޫކޮށްލީ ތިން ޝަރުތެއް އޭނާގެ މައްޗަށް ކުރިމަތި ކުރެއްވުމަށް ފަހުއެވެ. އޭގެތެރެއިން އެއް ޝަރުތަކީ ފާރިޝްގެ މައްޗަށް ދައުވާ އުފުލާފައިވާ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވޭނެ އެއްވެސް އަމަލެއް ނުކުރެއްވުމެވެ. ދެވަނަ ޝަރުތަކީ މާލެއިން ބޭރަށް ވަޑައިގަންނަވާނަމަ ކޯޓުގެ ހުއްދަ ހޯދައިގެން ވަޑައިގަތުމެވެ. ތިންވަނަ ޝަރުތަކީ ކޯޓުން އަންގަވާ ކޮންމެ ގަޑިއަކަށް ކޯޓަށް ވަޑައިގެންނެވުމެވެ.

މި މައްސަލައިގައި ފާރިޝް ދޫކޮށްލެއްވުމަށް ކޯޓުން ނިންމާފައިވަނީ ގިނަ ދުވަސް ތަކެއް ވަންދެން ޖަލުގައި ހުންނަން ޖެހުމާއި، މިހާތަނަށް މައްސަލައަށް އެއްވެސް އަސަރެއް ފޯރާނެފަދަ ކަމެއް ފާރިޝްގެ ފަރާތުން ފެނިފައިވާ ކަމުގެ ޝަކުވާއެއް ކޯޓަށް ލިބިފައި ނެތުމެވެ.

ހަ މަސް ދުވަހަށް ފަހު ފާރިޝް ޖަލުން މިނިވަން ކުރެއްވުމަށް ގާޒީ ޙުކުމް އިއްވެވިއިރު ފާރިޝްގެ އާއިލާގެ ގިނަމެންބަރުންވެސް ކޯޓު ރޫމުގައި ތިއްބެވިއެވެ. ފާރިޝް މިނިވަން ކުރެއްވިކަން ގާޒީ އިއްވެވުމާއެކު އާއިލާގެ ބަޔެއް މެމްބަރުންނަށް ރޮވުނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.