ރައީސް ނަޝީދުވަނި ރައީސް ސާލިހުގެ ކެބިނެޓްގައި ތިއްބެވި ރަނގަޅު ވަޒީރުން ވެސް ފްރޭމްކޮށް އެއްލާލާފަ: ސައުދު

ފޮޓޯ: ވީ ނިއުސް

ރައީސް ސާލިހިގެ ކެބިނެޓްގައި ތިއްބެވި ރަގަޅު ވަޒީރުންވެސް ފްރޭމްކޮށް އެއްލާލާފައި ކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ވަޒީރުންނަށް ކުރި ތުހުމަތުތައް ވެސް ސައިބޯނި ބޮތްކަކަށްވެ، ރައީސް ސާލިހު ބަލިކަށިކުރަން ކުރިހާ މަސައްކަތްތަކެއް ނާކާމިޔާބުވެ، މިހާރު ނަޝީދު ކުރަން ފަށާފައިވަނީ 2004 ގައި ކުރި ޒާތުގެ ކެމްޕޭނެއްކަމަށެވެ.

އޭރު ނަޝީދު ކުރެއްވި މަސައްކަތަކީ ކޮރަޕްޝަނާއި އަނިޔާގެ ވާހަކަ ދައްކައިގެން މަޝްހޫރުކަން ހޯދުން ކަމަށާއި ނަޝީދު ވިއްކަން އުޅޭ އެއްޗެއް މިހާރު މި ގައުމުގައި ނުވިއްކޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ނަޝީދުގެ ވާހަކަތައް ގަބޫލުކުރާނެ ރައްޔިތަކުވެސް ރާއްޖޭގައި ނެތްކަމަށް ވަނީ ވިދާޅުވެފައެވެ.

ޓެސްޓް ކުރެވި، ފެއިލްވެފައި އޮތް ނިޒާމެއް ރާއްޖެއަށް ގެނެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ސައުދު ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ވަކާލާތު ކުރައްވަމުން ގެންދަވާ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކާއި، ރައީސް ސާލިހުގެ ކެބިނެޓްގެ ވަޒީރުންގެ އިތުރުން ސިޔާސީ ޕާޓީތަކުންވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.