ކޯލިޝަނުގެ ރިޔާސީ ޓިކެޓު އަޅުގަނޑަށް ލިބޭނެކަމަށް އުންމީދު ކުރަން- ގާސިމް

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން އެއްކެންޑިޑޭޓް ނެރޭއިރު އެ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވިލާ ކުންފުނީގެ ރޯޔަލް އައިލެންޑް ރިސޯޓަށް އެތެރެކުރި ރަލާއި އޫރުމަސް ވިލާގެ އެހެން ރިސޯޓުތަކަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ކަސްޓަމްސް އާއި ފުލުހުންގެ ޓީމުތަކެއް ވިލާގެ ރިސޯޓު ތަކަށް އަރައި ފާސްކޮށް، ރިސޯޓު ތަކުގައި ހުރި ރާ ބޭރުކޮށް ވިލާގެ ރިސޯޓު ތަކަށް ރާ އެތެރެކުރުމުގެ ހުއްދަ ބާތިލް ކުރި މައްސަލައާއި ގުޅިގެން ވިލާގެ މުއައްޒަފުންނަށް ޖަރުމަނު ވިލާތުން ގާސިމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތްޕުޅު ތަކަކީ މަގާމަކާއި ދަރަޖަވެރި ކަމާއި ޝުހުރަތެއް ހޯއްދެވުމުގެ ނިޔަތުގައި ކުރައްވާ މަސައްކަތްޕުޅުތަކެއް ނޫން ކަމަށެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނު ސިޔާސީ މަސައްކަތް ކުރައްވަނީ އަމިއްލަފުޅު ތަޖުރިބާގެ އަލީގައި ދިވެހިންނާއި ދިވެހި ރާއްޖެއަށް އެންމެ ހެޔޮގޮތް ހޯއްދަވައި ދިނުމަށް ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ އެއްކެންޑިޑޭޓް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި އެކަމުގައި ވަކިގޮތެއް ނުނިންމޭ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫންގެ ޓީމުން އެއްކެންޑިޑޭޓް ނެރެވޭތޯ އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަމުން އައި ނަމަވެސް ރައީސް މައުމޫން އަދި މިކަމުގައި ވަކިގޮތެއް ނިންމެވިކަން އިއުލާން ނުކުރައްވައެވެ. ނަމަވެސް އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތުން ވަނީ އިދިކޮޅުން އެއްކެންޑިޑޭޓް ނެރުމަށް ތާއީދު ކޮށްފައެވެ.

އިދިކޮޅުން އެއްކެންޑިޑޭޓް ނެރުމުގެ ވާހަކަތައް ކުރިޔަށް ދާއިރު އެމްޑީޕީގެ ފަރާތުން ނުކުންނަވާނެ ކަމަށް ވިދާޅުވި ރައީސް މުޙަންމަދު ނަޝީދު އާއި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އާއި އަދާލަތުގެ ރައީސް ޝައިޚް އިމްރާން އަބްދުﷲވެސް ތިއްބެވީ މިވަގުތު ޖަލު ޙުކުމެއްގައެވެ. އެހެންކަމުން އެބޭފުޅުންނަށް ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގެންނެވުމުގެ ފުރުޞަތު ލިބެން އޮތީ ޖަލު ޙުކުމް ތަކަށް ލުއިގޮތްތަކެއް ލިބިގެންނެވެ. މީގެތެރެއިން ގާސިމްއަށް ގާނޫނޫގައިވާ 65 އަހަރުގެ މައްސަލަވެސް އަދި މިވަގުތު އެބައޮތެވެ. އެހެންކަމުން އެ ފުރުޞަތު ގާސިމްއަށް ލިބިވަޑައިގަންނަވާނީ ގާނޫނުގައިވާ ވެރިކަމަށް ކުރިމަތިލެއްވޭ އެންމެ ދޮށީ އުމުރުގެ ކަންތަކަށް ގާނޫނީ ޙައްލެއްވެސް ލިބިގެންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.