ވިލާ ކުންފުނިން ދުވަހަކުވެސް ގާނޫނާ ޚިލާފެއް ނުވަން، ޓެކްސްވެސް ދައްކަން- ގާސިމް

ވިލާ ކުންފުންޏާ ދެކޮޅަށް ސަރުކާރުން ހިންގަމުން އަންނަ ކަންތައްތަކީ އެ ކުންފުނިން ގާނޫނާ ޚިލާފު ވެގެން ހިންގާ ކަންތައްތަކެއް ނޫން ކަމަށާއި ވިލާ ކުންފުނިން ދުވަހަކުވެސް ގާނޫނާ ޚިލާފު ވެފައި ނޯންނާނެ ކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި ވެސް ގާނޫނާ ޚިލާފު ނުވާނެ ކަމަށް ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވިލާ ކުންފުނީގެ މުއައްޒަފުންނަށް ޖަރުމަނު ވިލާތުގައި ހުންނަވައިގެން ގާސިމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެ ކުންފުނީގެ ރިސޯޓުތަކާއި އެނޫންވެސް ވިޔަފާރިތަކާ ދެކޮޅަށް މިހާރު ސަރުކާރުން ކުރަމުން އަންނަ ކަންކަމަކީ "އެހެން ކަމެއްގެ އަސަރު" ކަމަށެވެ.

ވިލާ ކުންފުނީގެ ރޯޔަލް އައިލެންޑް ރިސޯޓަށް އެތެރެކުރި ބަނގުރަލާއި އޫރު މަސް ވިލާގެ އެހެން ރިސޯޓު ތަކަށް ގެންދާ ކަމުގެ ތުހުމަތުގައި ކަސްޓަމްސް އާއި ފުލުހުންގެ ޓީމުތަކެއް ރިސޯޓުތަކަށް ގޮސް އެ ރިސޯޓު ތަކުގައި ހުރި ރާތައް ބޭލުމަށް ފަހު ރާ އެތެރެކުރުމުގެ ހުއްދަވެސް ބާތިލްކުރި މައްސަލައާ ގުޅިގެން ގާސިމް މުއައްޒަފުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ވިލާގެ ވިޔަފާރިތަކާ ދެކޮޅަށް ސަރުކާރުން އެފަދަ އަމަލުތައް ހިންގަނީ ދިވެހި ރައްޔިތުންގެ ހެޔާއި ލާބައަށްޓަކައި ގާސިމް ކުރައްވާ މަސައްކަތްޕުޅުތައް ހުއްޓުވާލުމަށް ކަމަށެވެ.

ގާސިމް ވިދާޅުވީ އެ މަސައްކަތްޕުޅު ހުއްޓުވާލެވެން އޮތީ އެމަނިކުފާނު ބަގުރޫޓު ކޮށްލައިގެން ކަމަށް މަދުބަޔަކު ދެކޭކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. ގާސިމްގެ މައްޗަށް އިއްވާފައިވާ ތިން އަހަރާއި ދެމަހާއި ބާރަ ދުވަހުގެ ޖަލު ޙުކުމަކީވެސް އެކަން ސާބިތުވާން އޮތް ކަމެއް ކަމަށް ސިޓީގައި ވިދާޅުވެފައި ވެއެވެ. ގާސިމް ވިދާޅުވީ ވިލާގެ ވިޔަފާރިތަކަށް ގާނޫނާއި އިންސާފުގެ ބޭރުން "ނުރައްކާތެރި  ހިޔަނިތަކެއް" އެޅިފައިވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ވިލާގެ ކުންފުނި ތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި އެނޫންވެސް ފައިސާ ބަރާބަރަށް ދައްކަމުން އަންނަ ކަމަށެވެ. އަދި ވިލާގެ ކުންފުނިތަކާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތައްވެސް އެބަހުރި ކަމަށެވެ. އެއްބަސްވުންތަކާ ޚިލާފު ވީވެސް ސަރުކާރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ވިލާގެ މުއައްޒަފުންގެ ހިތްވަރަށާއި މަސައްކަތްތަކަށްވެސް ތައުރީފު ކުރައްވާފައެވެ. އަދި ކުންފުންޏަށް ދިމާވެފައިވާ އުދަނގޫ މިދަނޑިވަޅުގައި ހުރިހާ މުއައްޒަފުންވެސް ގާނޫނީ އިމުގެ ތެރޭގައި ތިބުމަށް ގާސިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.