ރާއްޖެއާއި ޕާކިސްތާނުގެ ގުޅުންތައް ބިނާވެފައިވަނީ ދެ ގައުމުން ވެސް ބަލައިގަންނަ އުސޫލުތަކެއްގެ ސަބަބުން ކަމަށް އެގައުމުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުޚްތާރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ 75 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އެގައުމުގެ ހައި ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ މި އަހަރު ޕާކިސްތާނުގެ މިނިވަން ކަމަށް 75 އަހަރު ފުރޭ އިރު، ރާއްޖެއާއި އެގައުމުގެ ގުޅުމަށް ވެސް އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި އެ ގުޅުންތައް ބިނާވެފައިވަނީ ދެ ގައުމުން ވެސް ބަލައިގަންނަ އުސޫލުތަކާއި ގަބޫލުކުރުންތަކެއްގެ ސަބަބުން ކަމަށެވެ.
ޚާއްސަކޮށް ދީނީ، ތާރީޚީ އަދި ސަގާފީ ކަންތައްތަކުގެ މައްޗަށް ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރާއެކު މަސައްކަތް ކުރަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަފީރު ވިދާޅުވީ މިނިވަން ދުވަސް ފާހަގަ ކުރަނީ ގައުމުގެ އުސޫލުތަކާއި ސަރަހައްދީ އިން ދިފާއު ކުރުމުގައި ޝަހީދުވި މީހުންގެ ހަނދާން އާ ކުރުމަށް ކަމަށާއި ގައުމުގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރުމުގައި ދެމިތިބެން ޖެހޭ ކަމަށެވެ.
ގައުމުގެ ބާނީ މުހައްމަދު އަލީ ޖިނާހް ވިދާޅުވި ގޮތަށް އެއްބައިވަންތަކަމާއި އިތުބާރު ދަމަހައްޓަން ޖެހޭކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަ ކުރި ނަމަވެސް ޖައްމޫ އެންޑް ކަޝްމީރުގެ ރައްޔިތުންގެ ހާލަތާ މެދު ހިތާމަ ފާޅު ކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
"ކަޝްމީރާ ބެހޭ ގޮތުން އެ ސަރަހައްދުގެ ރައްޔިތުންނަށް އަމިއްލައަށް ގޮތް ނިންމުމުގެ ފުރުސަތު ހޯދުމަށްޓަކައި އެމީހުން ކުރާ މަސައްކަތަށް ޕާކިސްތާނުގެ ރައްޔިތުން ތާއިދު ކުރޭ." ސަފީރު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނެގުމާއި ގައުމީ ލަވަތައް ކިޔުމާއި ކޭކު ފެޅުން ވެސް އޮތެވެ.
ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި އެގައުމުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުޚްތާރާއެކު މާލޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދިވެހިން ވެސް ބައިވެރިވިއެވެ.
އޭގެ ތެރޭގައި ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރައީސް މަސްއޫދު އިމާދާއި އެ ޖަމުއިއްޔާގެ ނައިބު ރައީސުންނާއި އެގްޒެކެޓިވް މެންބަރުން ހިމެނެއެވެ.