ހަ މަސް ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ އިސްލާމް ދީނަށް ފުރައްސާރަކުރި ރުސްތުމް މިނިވަން ވެއްޖެ

ހަ މަސް ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ އިސްލާމް ދީނަށް ފުރައްސާރަކުރި ރުސްތުމް މިނިވަން ވެއްޖެއެވެ.

އިސްލާމް ދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ ހަތަރު މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް، އޭނާ މިނިވަންވީ ހަ މަސް ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީއެވެ.

އޭނާގެ މައްޗަށް ވަނީ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރިކަމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އެއްބަސްވެ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދާފައިވާއިރު، ޝަރީއަތުގެ މަޖިލީހުގައި ވެސް ވަނީ އެ އިއުތިރާފް ދަމަހައްޓާފައެވެ.

ގާނޫނުގައި އޮންނަ ގޮތުން ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ އަދަބެއްގެ ގޮތުން ދެވޭނީ ހަތަރު މަހާ 24 ދުވަހުގެ ޖަލު ހުކުމެއްނަމަވެސް ރުސްތުމް ކުށަށް އިއުތިރާފްވެފައިވާތީ އެ އަދަބު ތިން މަހާއި 18 ދުވަހަށް ދަށްވާނެއެވެ.

އޭނާގެ މައްޗަށް ދެ މައްސަލަ ވެސް ކުށް ސާބިތުވެފައިވީ ނަމަވެސް އެ އަދަބު ބޮޑު ކުރުމަށް ދައުލަތުގެ ވަކީލުން އެދިފައެއް ނުވެއެވެ. އަދި  ދައުލަތުން އެދުނު ގޮތަށް ރުސްތަމްގެ އަދަބު ކުޑަކޮށް ކްރިމިނަލް ކޯޓުން ވަނީ  ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ އަދަބެއްގެ ގޮތުން ތިން މަހާއި 18 ދުވަސް އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 13 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އޭނާ މިނިވަންވީ ގާނޫނުގައިވާ ގޮތުން އެ މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް އޮންނާތީ އެ ހުކުމް ތަންފީޒުކުރަން އޭނާ އަލުން ޖަލަށް ދާކަށް ނުޖެހޭތީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.