ބީއެމްއެލް ހިންގުން އެ ބޭންކުގެ ޑިޕިއުޓީ ސީއީއޯ އާ ހަވާލުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިންގުން އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީންއާ ހަވާލުކޮށްފިއެވެ.

އޭނާ އާ ބީއެމްއެލް ހިންގުން ހަވާލު ކުރެއްވީ ބޭންކުގެ ސީއީއޯއަކަށް ހުންނެވި ޓިމް ސޯޔާ އޭނާގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު މިދިޔަ ޖޫން މަހު ހަމަވުމުން މަގާމުން ވަކިވެވަޑައިގަތުމުންނެވެ.

ބީއެމްއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު އަދި ބޭންކުގެ އިންޗާރޖުގެ މަގާމަށް އެ ބޭންކުގައި އެންމެ ދުވަސްވީ އެއް ބޭފުޅާކަމަށްވާ އައިޝަތު ނޫރައްދީން ހަމަޖައްސާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ބީއެމްއެލް ހިންގެވުމުގެ މަސްއޫލިއްޔަތު އައިޝަތު ނޫރައްދީން ވަނީ އުފުއްލަވާފައިވާއިރު، ޓިމްގެ ކުރިން ހުންނެވި ސީއީއޯ އިސްތިއުފާ ދެއްވުމަށް ފަހު 2019 ގައި ސީއީއޯއަކަށް ޓިމް ހަމަޖައްސަންދެން ވެސް ބީއެމްއެލް ހިންގެވީ އައިޝަތު ނޫރައްދީނެވެ.

ބީއެމްއެލްގެ ގިނަ މަގާމުތަކެއް ވެސް ފުރުއްވާފައިވާ އައިޝަތު ނޫރައްދީން ވަނީ މެދުކެނޑުމެއް ނެތި އެ ބޭންކަށް 40 އަހަރު ޚިދުމަތް ކޮށްދެއްވާފައެވެ.

އެ ބޭންކަށް އާ ސީއީއޯއެއް ހޯދުމަށް މިދިޔަ ޖޫން މަހު އެ ބޭންކުން ވަނީ އިއުލާނުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.