މާދަމާގެ މުސްތަޤުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ ޒުވާނުން ބާރުވެރިކުރުން: ނައިބު ރައީސް

ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ، ޒުވާނުންކަމަށާއި، އެހެންކަމުން ތަރައްޤީގެ ކޮންމެ މަރުހަލާއެއްގައި ވެސް އެ މީހުން ޝާމިލުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި، ރާއްޖޭގެ ޒުވާން އާބާދީ އަދާކުރާ ދައުރަކީ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް މުހިންމު ދައުރެއް ކަމަށެވެ.

ރާއްޖޭގެ ސިވިލް ސަރވިސްގައި އެގާރަހާހަށް ވުރެ ގިނަ ޒުވާނުން ވަޒީފާއަދާކުރަމުންދާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އިތުރު އެތައް ޒުވާނުންނެއް ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުންގެ ފަރާތުން ވެސް ނަމޫނާ މަސައްކަތްތަކެއް ފެނިގެން ދިޔަކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، ކޯވިޑް-19 އާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވި ދަތިތަކާއި އަދި އިޤުތިޞާދީ އިޖުތިމާއީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، ކޯވިޑް-19އިން އަރައިގަނެ ކުރިޔަށް ދިޔުމަށް މަސައްކަތް ކުރާއިރު، މުޖުތަމުގެ ވިސްނުންތަކާއި އެކު ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރެއް އޮތުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި އެކަމުގައި އޮތް ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ މަސައްކަތް ކުރަން ޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ރާއްޖޭގެ މުސްތަޤްބަލަށް އުންމީދީ އާބާދީއެއްކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ މާދަމާގެ މުސްތަޤުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ، ޒުވާނުން ބާރުވެރިކުރުން ކަމަށާއި ޒުވާނުންނަށް ތައުލީމާއި ތަމްރީންގެ ފުރުޞަތުތައް ހޯދައިދީ، ޒުވާނުންނަކީ ޤާބިލް ބަޔަކަށް ހެދުންކަމަށެވެ.

މިކަމަކީ އެންމެން އެއްބައިވެ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށާއި މިވަގުތު ދިވެހިޤައުމު ބޭނުން ވަނީ އެންމެން އެކުވެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޒުވާނުންގެ އާބާދީގެ ދައުރަކީ މުޅި ދުނިޔެއަށް ވެސް ވަރަށް މުހިއްމު ދައުރެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދުވަހާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯއެއްވެސް އިފްތިތާހްކޮށްދެއްފައެވެ.

މިޖަލްސާގައި ރާއްޖޭގައި ހުންނަވާ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް އާއި ޔޫތު މިނިސްޓްރީގެ އިސްބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުންނާއި، ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި، ކުޅުދުއްފުށީގެ މުއައްސަސާތަކުގެވެރިން ބައިވެރިވެލެއްވިއެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ، "ޖީލުތަކުގެ އެއްބައިވަންތަކަށް، ހުރިހާ އުމުރުފުރައަކާއި ގުޅޭ ދުނިޔެއެއް ބިނާކުރުން." މިޝިއާރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.