އަލިފާނުގެ ވަށްބުރު

ވަށްބުރުގެ ބޭރުގައި އިރު އަދި އެތެރޭގައި ހަނދު

މިއީ، ހަނދު ދައުރުވަމުންދާއިރު އިރާއި ބިމާދެމެދަށް ވަދެ، ހުއްޓައި 10 ޖޫން 2021 ގައި ދުނިޔެއަށް ފެނިފައިވާ ގޮތެވެ. އަހަރަކު އެއްފަހަރު ފެންނަ މިމަންޒަރަކީ، 10 ޖޫން 2021 ގައި އިރާއި ބިމާދެމެދުން ހަނދު ދަތުރުކޮށްދިއުމުގައި ދައްކައިދީފައިވާ ރީތި މަންޒަރެކެވެ. މިމަންޒަރަކީ، ދުނިޔޭގެ އުތުރުބިތް ފިޔަވައި އެހެން ސަރަޙައްދުތަކުގައި ދިރިއުޅޭމީހުންނަށް، މިގޮތަށް ފެންނާނެ މަންޒަރެއްނޫނެވެ. ދުނިޔޭގެ އުތުރުބިތުގައި ދިރިއުޅޭ މީހުންކުރެ، ކެނަޑާ، ގްރީންލޭންޑް އަދި ރޫސީވިލާތަށް މިމަންޒަރު ފެންނާނެއެވެ. މިމަންޒަރު މިގޮތަށް ފެނިފައި ހުންނާނީ 3 މިނެޓާއި 50 ސިކުންތުގެ ވަގުތުކޮޅަކަށެވެ. މިމަންޒަރުގައި އިރުގެ 89 އިންސައްތަ ހަނދުން ނިވާކޮށްދެއެވެ. މިމަންޒަރު ފެންނަނީ، ބިމާ އެންމެދުރަށް އަދި އިރާ އެންމެ ކައިރިޔަށް ހަނދު ދިއުމުން އިރުގެ ހިޔަނިއެޅިގެންނެވެ. މިއީ ސައިޒުން އެންމެ ކުޑަކޮށް ދުނިޔެއަށް ހަނދު ފެންނާނެ ޙާލަތެވެ. މިޙާލަތުގައި އިރު އެއްކޮށް ނިވާވަރަށްވުރެ، ހަނދުގެ ސައިޒް ފެންނާނީ ކުޑަކޮށެވެ. އެހެންނަމަވެސް، ޖައްވީ ނިޒާމުގެ ތެރެއިން، ހުރިހާކަމެއް ރަނގަޅަށް ހިނގައްޖެނަމަ، ކެނެޑާގެ އިތުރާއި ސްކެންޑިނޭވިއާ އަދި ސައިބީރިއާގައި ދިރިއުޅޭމީހުންކުރެ ނަޞީބު ރަނގަޅުމީހުންނަށް އަލިފާނުގެ ވަށްބުރެއްގެ ސިފައިގާ ދައްކާ މިމަންޒަރު ފެންނާނެއެވެ.

ޖައްވުގައި ހިނގާ މި އާދަޔާޚިލާފު ޙަރަކާތް ހިނގުމަށް ދިމާވަނީ، ހަނދު، އިރާއިބިމާ ދެމެދަށްވަދެ، އިރުންފޮނުވާ އަލިން، ހަނދުގެ ހިޔަނި ބިމަށް އެޅުމުންނެވެ. ހަނދާއި އިރު ދައުރުވަމުންދާ ނިޒާމަށް ވިސްނާއިރު، އިރަށްވެސް އަދި ހަނދަށްވެސް މިޙާލަތު ދިމާވެއެވެ. އެއީ ހަނދުގެ ހިޔަނި ބިމަށް އެޅުމުންނާއި ބިމުގެ ހިޔަނީގެ ތެރެޔަށް ހަނދު ވަނުމުންނެވެ. ޖައްވުގައިވެސް މިކަން ޢާންމުކޮށް ހިނގައެވެ. އެއީ ޖައްވުގައި ހިމެނޭ ޕްލަނެޓެއް ނުވަތަ ތަރިއެއް އަނެއް ޕްލަނެޓް ނުވަތަ ތަރީގެ މެދަށްވަދެގެން އެހެން ޕްލަނެޓަކަށް ނުވަތަ ތަރިޔަކަށް ހިޔަނި އެޅިގެންނެވެ. ބިމާއި ޖުޕިޓަރ، މާރސް އާއި ވީނަސް މާރކަރީއާއި ނެޕްޓިއުން ފަދަ މައިގަނޑު 9 ޕްލަނެޓެއް ނުވަތަ ތަރިއެއް ޖައްވުގައި ހިމެނެއެވެ. ބިމާއި ކަނޑާ އަދި އިރުހަނދާއި ތަރިތަކާ އަދި ޢާލަމްތައް އުދެއްދެވުމުގައި ﷲ ގެ ކުޅަދުންވަންތަކަން ބަޔާންކުރައްވައި، ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި ﷲ ވަނީ ބަސްވަޙީކުރައްވާފައެވެ.

ދުނިޔެވަށައިގެންވާ ޖައްވަކީ، ފަށަލަތަކެއް ލެވިގެންވާ ޢާލަމެކެވެ. އިރުގެ ގްރެވިޓީގެ ނިޒާމުގައި އޯބިޓާއެކު އުފެދިފައިވާ ނިޒާމެކެވެ. މިނިޒާމް އުފެދިފައިވަނީ 4.6 ބިލިއަން އަހަރު ކުރިންނެވެ. މިނިޒާމުގައި 9 ތަރި ހިމެނެއެވެ.

އިރަކީ، ޖައްވުގައި ހިމެނޭ އެންމެ ބޮޑު މާއްދާއެވެ. ނުވަތަ ތަރިއެވެ. އިރަކީ އިންސާނާ ދިރިއުޅުމަށްޓަކައި ބޭނުންވާ އަލި، ދުނިޔެއަށް ނުވަތަ ބިމަށް ފޮނުވައިދޭ ތަރިއެވެ. އިރުގެ ޙަރަކާތްތަކާއި ބިމަށްކުރާ އަސަރާއި އެނޫންވެސް، އިރާބެހޭ މަޢުލޫމާތު އެއްކުރުމަށްޓަކައި އެމެރިކާގެ ޖައްވީއިދާރާ ނާސާގެ ޖައްވީ އުޅަނދުތަކެއް އަންނަނީ މަސައްކަތްކުރަމުންނެވެ.

ޖައްވުގައި ހިމެނޭ މައިގަނޑު  ޕްލަނެޓް ނުވަތަ ތަރި

މާރކަރީއަކީ، އެންމެކުޑަ އަދި އެންމެ ބާރަށް ދަތުރުކުރާ ތަރިއެވެ. މާކަރީއަކީ އިރާ އެންމެ ކައިރީގައިވާ ތަރިއެވެ. އިރުގެ ވަށައިގެން މާރކަރީ ބުރެއް އަޅަނީ ބިމުގައި ގުނެވޭ 88 ދުވަހުންނެވެ. ޙާއިރާންވާންޖެހޭ ކަމަކީ، އިރާ އެންމެ ކައިރީގައިވާ ތަރިކަމަށްވިޔަސް، ފިނިހޫނުމިން އެންމެ ގަދައީ މަރކަރީގައި ކަމަށް ނުވުމެވެ. ވީނަސްތަރިޔަކީ، ބިމާ ދުރުގައި އެންމެ ގިނަދުވަސް ހޭދަކުރާ ތަރިއެވެ. އެހެންކަމުން، މާރކަރީ ތަރިވެފައިވަނީ ވަކިވަގުތެއްގައި ބިމާ އެންމެ ކައިރީގައި ގިނަދުވަހު ބުރުއަޅާ ތަރިކަމުގައެވެ. އިރާ އެންމެ ކައިރިން ބުރުއަޅާ ތަރިކަމަށްވާތީ، އިރުގެ އަލި އެންމެ 3.2 މިނިޓުން މާރކަރީއަށް ފޯރައެވެ. އިރުގެ ވަށައިގެން ސިކުންތަކު 47 ކިލޯމީޓަރުގެ ބާރުމިނުގައި މާރކަރީ ދަތުރުކުރެއެވެ. މިއީ އެހެން އެއްވެސް ތަރިއެއް ދަތުރުނުކުރާ ބާރުމިނެކެވެ. އަދި އިރުގެ ވަށައިގެން 59 ދުވަހުން ބުރެއް އަޅައެވެ.

ވީނަސްއަކީ ނުވަތަ ވީނަހަކީ އެހެން ތަރިތަކާ އިދިކޮޅަށް އެނބުރި ދަތުރުކުރާ ތަރިޔެކެވެ. މިގޮތަށް ދަތރުރކުރަނީ ޔުރޭނަސް ތަރިޔާއި ވީނަސް އެކަންޏެވެ. މިދެތަރި ދަތުރުކުރަނީ އިރުން ހުޅަނގަށެވެ. ވީނަސްވެފައިވަނީ ޖައްވުގައި ހިމެނޭ އެންމެ ހޫނު ތަރިކަމުގައެވެ. އަދި ހަނދު ނަގާފަ އެންމެ އަލިގަދަ ތަރިވެސް މެއެވެ. އަދި 6 ވަނަޔަށް އެންމެ ބޮޑު ތަރިއެވެ. ވީނަހާއި މާރކަރީއަކީ ހަމައެކަނި ސެޓެލައިޓެއް ނެތް ދެތަރިއެވެ. ވީނަހުގައި ވާދީތަކާއި ފަރުބަދަ ހިމެނެއެވެ. ފަސޭހައިން ފެނުނުނަމަވެސް، ވީނަހުގެ މަތީގައި ބޯވިލާތައް އުފެދިފައި އޮވެއެވެ. މިވިލާތަކަކީ ސަލްފަރިކް އެސިޑާއި ފެނުގެ އާވިން އުފެދިފައިވާ އެއްޗެކެވެ. އަދި މާކުރިންވެސް ބެލެވެމުންއައިގޮތުގައި ވީނަހަކީ ބިމުގެ ނިޒާމާ އެއްފަދައިން އުފެދިފައިވާ ތަރިއެކެވެ. އިރާއި ވީނަސް އާ ދެމެދުގައި ވަނީ 108.2 މިލިއަން ކިލޯ މީޓަރެވެ. އަދި އިރުގެ އަލި މިރާސްތާ ހުރަސްކޮށް އެންމެ 6 މިނިޓުން ވީނަސްއަށް ފޯރައެވެ. ވީނަސް، ދުނިޔެއާ އެންމެ ކައިރިޔަށް އަންނާނީ 40 މިލިއަން ކިލޯމީޓަރުގެ ދުރުމިނަކަށެވެ. ވީނަހަށް އިރުގެ ވަށައިގެން ބުރެއް އެޅެނީ 225 ދުވަހުންނެވެ.

ބިމަކީ، އިރާދުރުން ތިންވަނަ ޕްލަނެޓް ނުވަތަ ތަރިއެވެ. އަޅުގަނޑުމެންގެ ގޮވައްޗެވެ. ބިން ދަތުރުކުރަނީ އިރުގެ ވަށައިގެންނެވެ. އިރާއިބިމާ ދެމެދު 149 މިލިއަން ކިލޯމީޓަރު ހުރެއެވެ. ސައިންޓިސްޓުން ބުރަވާގޮތުގައި ބިން އުފެދިފައިވަނީ، 4.5 ބިލިއަން އަހަރުކުރިންނެވެ. ބިން އުފެދިފައިވަނީ އެހެން ޢާލަމްތަކުގައިވާ ތަރިތަކާ އެއްދުވަސްވަރެއްގައެވެ. އަހަރެއްގެ ތެރޭގައި ބޯޅައެއްފަދައިން، 366.25 ފަހަރު ބިން ބުރުޖަހައެވެ. ބިމަކީ 5 ވަނަޔަށް އެންމެ ބޮޑު ޕްލަނެޓެވެ. ބިމުގެ ބޮޑުމިނުގެ 71 އިންސައްތަޔަކީ ފެނެވެ. 29 އިންސައްތަޔަކީ ބިމެވެ. ބިމުގައި އިންސާނުން ދިރިތިބުމަށްޓަކައި، އެތައްބާވަތެއްގެ ގޭހެއް ހިމެނޭ އޮކްސިޖަން ނުވަތަވައި އެކުލެވިގެންވެއެވެ. އޮކްސިޖަނާ، ވަޔާއިނުލައި އިންސާނާއަށް ބިމުގައި ދިރިއެއްނޫޅެވޭނެއެވެ. ބިމުގެ ވަށައިގެންވާ ޖައްވުގައި ހަފަށަލައެއް ލެވިފައި ވެއެވެ. ބިމަކީ އިރާ 3 ވަނަޔަށް އެންމެ ކައިރި ޕްލަނެޓެވެ. ބިން،  ގަޑިޔަކު ގާތްގަނޑަކަށް 108 ހާސްމޭލަށް ދަތުރުކޮށް ބުރުޖަހަމުންދެއެވެ. އަޅުގަނޑުމެން އިންސާނުން ކުދިވީމަ އެކަން އިޙްސާސް ނުކުރެވެނީއެވެ. އިރުގެ އަލި ބިމަށް ފޯރަނީ 8 މިނެޓުންނެވެ. އިރުއޮސްފުހެވިއްޖެ ޙާލަތެއްގައި އެކަން އަޅުގަނޑުމެންނަށް އިޙްސާސްވަނީ 8 މިނެޓް ފަހުންނެވެ.

މާސް އަކީ، ރަތް ނުވަތަ ގަދަ މުށިކުލައިގާ ފެންނަ ، އަދި އިރާދުރުން އޮންނަ 4 ވަނަ ތަރިއެވެ.  އަދި ދެވަނަޔަށް އެންމެ ކުޑަ ތަރިއެވެ. މާސްއަކީ ދިރުންލެއްވިގެންވޭތޯ ބެލުމަށް އެންމެ ބޮޑަށް ދިރާސާ ކުރެވޭ ތަރިއެވެ. މާސްއާ އިރާދެމެދުގައިވަނީ، 227.9 މިލިއަން ކިލޯ މީޓަރެވެ. އިރުގެ އަލި މާސްއަށް ފޯރަނީ 13 މިނެޓުންނެވެ. މާސްއަކީ ބިމަށްވުރެ ދެގުނަކުޑަ ތަރިއެކެވެ. މާސްއަކީ، ބިމަށްވުރެ ދެގުނައަށް އިރާދުރުގައި އޮންނަ ތަރިއެކެވެ. ޖައްވުގައި ލެއްވިގެންވާ ހުރިހާ ތަރިތަކެއްގެ ތެރޭގައި އެންމެ އުސް ފަރުބަދަ ހުންނަނީ މާސްގައެވެ. އެފަރުބަދައިގެ އުސްމިނަކީ 21 ކިލޯމީޓަރެވެ. މާސްގެ ކުލަ ރަތް ނުވަތަ ގަދަމުށިކުލައިގާ ފެންނަނީ އެތަރީގައި ހިމެނޭ ދަނގަޑުގެހިރަފުހުގެ ސަބަބުންނެވެ. މީލާދީ ކަލަންޑަރުގައި ހިމެނޭ މަހެއްކަމުގައިވާ މާރޗް ނެގިފައިވަނީ މާސް މިބަހުންނެވެ.

ޖުޕިޓަރަކީ، އިރުން ފެށިގެން 5 ވަނަޔަށް އޮންނަ ތަރިއެވެ. އެއީ ފަޒާގައި ހިމެނޭ އެންމެ ބޮޑު ތަރިއެވެ. އަދި އެންމެ ދޮށީ ތަރިއެވެ. އެއީ އެންމެ އަލިގަދަކޮށް، ޖައްވުން ފެންނަ ތަރިއެވެ. ކޮންމެ 10 ގަޑިއިރަކުން ޖުޕިޓަރ ބުރެއްޖަހައެވެ. ޖުޕިޓަރުގެ އުފެދުމަކީ އިރާ އެއްފަދަ އެއްޗެކެވެ. ޖުޕިޓަރުގައި ހުންނަ ގޭހަށްބަލާއިރު، 90 އިންސައްޔަކީ ހައިޑްރޯޖަނެވެ. 10 އިންސައްތަޔަކީ ހީލިއަމެވެ. އުފެދުމުގައި އިރާ އެއްގޮތްވަނީ މިސަބަބަށްޓަކައެވެ. ޖައްވީ ހޯދުންތަކުގެ އެންމެ ގިނަ ދިރާސާތައް ކުރެވިފައިވަނީ ޖުޕިޓަރ ބޭނުންކޮށްގެންނެވެ. ޖައްވުގައި ހިމެނޭ އަލި ޖުޕިޓަރުގައި ވަރަށް ގަދައެވެ. ޖުޕިޓަރުން 20 ހާސް މެގަވޮޓްގެ އަލި އުފައްދައެވެ. ބިމުން އުފައްދައިދިނީ 1000 މެގަވޮޓްގެ އައްޔެވެ. ވީނަސް އަށްވުރެ، ޖުޕިޓަރުގެ ވިދުމާއި އަލި ގަދަވާނެއެވެ.  ޖުޕިޓަރު ބުރެއްޖަހަނީ ކޮންމެ 10 ގަޑިއިރަކުންނެވެ.

ސަޓާރންއަކީ، އިރާދުރުން ފެންނަ 6 ވަނަ ތަރިއެވެ. މިތަރި މަޝްހޫރުވެފައިވަނީ އެތަރީގެ ވަށައިގެންވާ  ބޮޑު ވަށްބުރުގެ ނިޒާމުންނެވެ. މިވަށްބުރުގައި 30 ފަށަލަ ލެވިފައި ވެއެވެ. ސަޓާރން ގެ ވަށްބުރު އެކުލެވިގެންވަނީ ހިލައާއި ގަނޑުފެނުންނެވެ. މިގަނޑުފެންތައް ސަޓާރންގައި އުފެދިފައިވަނީ ކިހިނެއްކަން ސައިންޓިސްޓުންނަށް އަދި، ހޯދިފައެއް ނުވެއެވެ. މިއީ 6 ވަނަތަރިއެވެ. ސަޓާރން އަކީ ބިމުގެ ސައިޒަށްވުރެ 83 ގުނަ ބޮޑު ތަރިއެކެވެ. މިތަރިޔަކީ ހަނދުތަކުގެ ރަސްގެފާނެވެ. ޖުމްލަ 82 ހަނދު ސަޓާރންގައިވާކަންވަނީ ޔަޤީންކުރެވިފައެވެ. މިތަރިއުފެދިފައިވަނީ ގޭހާއި ފެނުންނެވެ. ހަމަބިމެއް އުފެދިފައެއް ނުވެއެވެ. މިއީ ވަރަށްފިނި ތަރިއެކެވެ. އެހެންނަމަވެސް ސަޓާރންގެ ތިރިން އުފެދިފައިހުންނަ ވިލާތައް ފުދޭވަރަކަށް ހޫނެވެ.

ޔުރޭނަސް އަކީ 7 ވަނަތަރިއެވެ. މިއީ ގަނޑުގެ ނިޒާމުން އުފެދިފައިވާ ތަރިއެކެވެ. މިތަރި ދައުރުވަނީ އިރާ ގާތްގަނޑަކަށް 3 ބިލިއަން ކިލޯމީޓަރުގެ ދުރުމިނެއްގައެވެ. ޔުރޭނަސްއަކީ އެހެން ތަރިތަކާ އިދިކޮޅަށް، އިރުން ހުޅަނގަށް ދަތުރުކުރާ ތަރިއެކެވެ. އިރުގެ ވަށައިގެން ބުރެއްޖެހުމަށް 84 އަހަރު، ޔުރޭނަސް ނަގައެވެ. ޔުރޭނަސް ބުރެއްޖަހަނީ 17 ގަޑިއިރުންނެވެ. ޔުރޭނަސް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ކޮމެޓެއްގެ ގޮތުގައެވެ. މީގެ 3 ނުވަތަ 4 ބިލިއަން އަހަރުކުރިން، ބިމާ އެއްސައިޒުގެ އެއްޗެއްގައި ޔުރޭނަސްޖެހިފައި ވެއެވެ. ޔުރޭނަސް އުފެދިފައިވަނީ 3 ލޭޔަރެއް އެކުވެގެންނެވެ. މެދުގައި އުފެދިފައި އޮންނަ ހިލައިގެ މައިގަނޑާއި އޭގެ ބޭރުން އުފެދިފައި އޮންނަ ގަނޑުފެނުގެ ފަށަލައާއި އެންމެ ބޭރަށް އޮންނަ ހައިޑްރޯޖަނާއި މިތޭންއެކުލެވޭ ގޭސް ފަށަލައެވެ. ޔުރޭނަސްއަކީ ތަރިތަކުގެ ޢާލަމުގައި އެންމެ ފިނިގަދަ ތަރިއެވެ.

ނެޕްޓިއުންއަކީ، އިރާއެންމެ ދުރުގައި އޮންނަ ތަރިއެވެ. އަދި އެއީ، ފިނި އަދި އަނދިރި ދުނިޔެއެކެވެ. ނެޕްޓިއުނަކީ އިރާ 3 ބިލިއަން މާލުދުރުގައި އޮންނަ ތަރިއެކެވެ. ނެޕްޓިއުނަކީ ރީތި ނޫކުލައެއްގައި އުފެދިފައި އޮންނަ ތަރިއެކެވެ. ނެޕްޓިއުނަކީވެސް ގަނޑުފެނުގެ ޖަމާއެކެވެ. ނެޕްޓިއުންގައި ވައިދަތުރުކުރަނީ ގަޑިޔަކު 2160 ކިލޯމީޓަރުގެ ބާރުމިނެއްގައެވެ. މިހާބާރުމިނެއްގައި ދަތުރުކުރާ ވައިގެ ނިޒާމެއް އެހެން އެއްވެސް ތަރިއެއްގައި އުފެދިފައެއް ނުވެއެވެ. ނެޕްޓިއުނަކީ މީގެ 4.5 ބިލިއަން އަހަރުކުރިން އުފެދިފައިވާ ތަރިއެކެވެ. އޭރު ނެޕްޓިއުނަކީ އިރާވަރަށް ކައިރީގައި އޮތް ތަރިއެކެވެ. އެހެންނަމަވެސް ވަގުތާއެކު ބެހިގެން ދުރަށް ދަތުރުކޮށް، އިރާ އެންމެ ދުރުގައިވާ ތަރިއަށްވީއެވެ. ނެޕްޓިއުންގެ ބިމަށްދަމާބާރު، ބިމަށްވުރެ 27 ގުނަ ބާރުގަދައެވެ. ނެޕްޓިއުން އޮންނަނީ އިރާއި ބިމާދެމެދުގެ ދުރުމިނުގެ 30 ގުނަ ދުރުގައެވެ.

ޖައްވުގައި ވިދާ ބަނބުޅާ މިތަރިތަކުގެ އިތުރަށް ޑްވާރފް ޕްލަނެޓްގެ ގޮތުގައި 5 ތަރިއެއް ސައިންޓިސްޓުންވަނީ ހޯދާފައެވެ. އެއީ ސީރިސް، ޕްލޫޓޯ، ހޯމީ، މަކެމޭކު އަދި އީރިސް އެވެ.

(ނިމުނީ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.