މިނީ ބަހުގެ ޚިދުމަތް ފެށުމަށް ފަހު ފުރަތަމަ 14 ދުވަހު ހިލޭ ބަސް ދަތުރުކުރެވޭނެ: އާޒިމް  

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ފަހު ފުރަތަމަ 14 ދުވަހު ހިލޭ ބަސް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމު ގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ސްކޫލް ކުދިންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ބަހުގެ ޚިދުމަތަށް ހިލޭ ލިބޭނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މާލޭގައި މިނީބަހުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ވާންޖެހޭ ތައްޔާރީތައްވެ ނިމިފައިވާ ކަމަށެވެ. އަދި ބަހުގެ ޚިދުމަތް ފެށުމުގެ ކުރިން ހަދަންޖެހޭ ބަސް ސްޓޮޕްތަކުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.

މިނީބަސް ދަތުރުކުރުމަށް މިވަގުތު ކަނޑައެޅިފައިވާ ރޫޓުތަކަކީ އަމީނީ މަގު، މަޖީދީ މަގު، އޯކިޑް މަގު އަދި މެރިންޑްރައިވްގެ ވަކި ހިސާބެއް ކަމަށާއި ޚިދުމަތް ފެށުމަށްފަހު ބަސް ދަތުރުކުރާނެ އިތުރު މަގުތައް ކަނޑައަޅާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ގެއިން ނުކުމެގެން ހިނގާފައި ގާތްގަނޑަކަށް 10 މިނެޓް ތެރޭގައި ބަސް ސްޓޮޕަކަށް ދެވޭ ވަރަށް، ބަސް ސްޓޮޕްތައް ސެޓުކުރެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށެވެ.

"ބަސް ދަތުރުކުރަން ފެށީމަ މަގުމައްޗަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ. މަގުމައްޗަކީ ހިތްފަސޭހަ ތަނަކަށް ބަދަލުވެގެންދާނެ" އާޒިމް ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ގެ ދަށުން މިނީބަހުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީން ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ލ އަތޮޅުގައި މިނީ ބަހުގެ ޚިދުމަތް ފަށާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.