އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ، ރައީސު (ސްޕީކަރ) ނެންސީ ޕެލޯސީ މިރޭގެ (އަންގާރަ ދުވަހުގެރޭ) ގެ ވަގުތުރެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ. އޭނާއަކީ 1997 ވަނަ އަހަރު ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އޭރުގެ ރައީސު ނިއުޓް ގިންގްރިޗް ޓައިވާނަށް ވަޑައިގަތް ފަހުން އެ ގައުމަށް ވަޑައިގަންނަވާ އެމެރިކާގެ އެންމެ އިސް މަސްއޫލުވެރިޔާއެވެ. ޕެލޯސީ ޓައިވާނަށް ވަޑައިގެންފައި ވަނީ އެކަން ކުރައްވައިފިނަމަ ނަތީޖާ ރަނގަޅުނުވާނެ ކަމުގެ އިންޒާރު ޗައިނާއިން ދީފައި ވަނިކޮށެވެ.
"ޗައިނީޒް ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އޮތީ އެންމެ މަތި ސަމާލުކަމަށް ގެނެސްފަ. އަދި މިކަމާ (ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާ ކުރިމަތުލުމަށްޓަކައި ވަކި ޚާއްސަ އަމާޒުތަކެއް ކަނޑައެޅިފައިވާ އަސްކަރީ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާނެ. ނުގުޑާ އަޒުމާއެކު ގައުމުގެ އިސްތިގުލާލާއި، ސަރަހައްދުން އެއްވެސް ބައެއް ވަކިނުވެ ދެމިއޮތުން ދިފާއުކުރާނެ. އަދި މިނިވަންވުމަށް އެތެރޭން ކުރާ މަސައްކަތާއި، "މިނިވަން ޓައިވާނު" ގެ ނަމުގައި ވަކިވެގަތުމަށް ކުރާ މަސައްކަތް ފަހަތަށް ޖެހެމަކާ ނުލައި ހުއްޓުވާނެ." ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާ ގުޅިގެމް ޗައިނާ ސިފައިންގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވެއެވެ.
އަންގާރަ ދުވަހުން ފެށިގެން ޓައިވާން ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށްވެސް ޕީއެލްއޭގެ އީސްޓާން ތިއޭޓަރ ކޮމާންޑުން ވަނީ ބުނެފައެވެ.
ޓައިވާނަށް ވަޑައިގަތުމުގެ ކުރިން ވޮޝިންގްޓަން ޕޯސްޓް ނޫހަށް ލިއުއްވި މަޒުމޫނެއްގައި ޕެލޯސީ ވިދާޅުވެފައި ވަނީ އެމެރިކާ އަބަދުވެސް ޗައިނާގެ ހިމާޔަތުގައި އޮންނަން ޖެހޭ ކަމުގައެވެ.
"(ޓައިވާންގެ ދިފާއުގައި އޮތުމަށް އެމެރިކާއިން ވެފައިވާ) ވައުދު އަހަރުމެން ހަނދާންކުރަން ޖެހޭ. ޓައިވާނުގެ ހިމާޔަތުގައި އަހަރުމެން ތިބެން ޖެހޭނެ. އެއީ ހިތްވަރުގަދަކަމުގެ ރަށް. ޓައިވާނަކީ (ހެޔޮ) ވެރިކަންކުރުމުގައި އެހެން މީހުންނަށް މަގުދައްކާ ގައުމެއް." ޕެލޯސީ ލިއުއްވާފައި ވެއެވެ.
ނެންސީ ޕެލޯސީއަކީ ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅަކަށް ވިޔަސް އިދިކޮޅު ރިޕަބްލިކަން ޕާޓީންވެސް ވަނީ އޭނާގެ ދަތުރުފުޅަށް ފުރިމައަށް ތާއީދުކޮށްފައެވެ. އަދި ޗައިނާއާއިމެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތުގައި ދެ ޕާޓީގެ ޚިޔާލު އެއްގޮތްކަން ސާބިތުކޮށްދީފައެވެ.
ސެނެޓްގެ ރިޕަބްލިކަން ލީޑަރު މިޗް މެކްކޮނެލް ވަނީ ޕެލޯސީގެ ދަތުރުފުޅަށް ފުރިހަމައަށް ތާއީދުކުރައްވާފައެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި (ޓައިވާނަށް) ވަޑައިގަތުމުގެ ފުރިހަމަ ހައްގު އޭނާއަށް ލިބިގެންވޭ." ސެނެޓްގައި ވާހަކަފުޅުދައްކަވަމުން މެކްކޮނެލް ވިދާޅުވިއެވެ.
ޕެލޯސީ ދަތުރުފުޅާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އިންޒާރުގެ ބަޔާނެއް ނެރެފައެވެ.
"މިހާރުން ފެށިގެން ހިނގާ ކަންކަމުން ނުކުންނަ ނަތީޖާއަށް ފުރިހަމައަށް ޒިންމާވާން ޖެހޭނީ އެމެރިކާއާއި "ޓައިވާނުގެ މިނިވަންކަމަށް" މަސައްކަތްކުރާ ބާރުތަކުން." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.