ލޯރެއާލް ޕެރިސް ހެއަރ ކެމްޕޭނާ ގުޅުނު ފުރަތަމަ ބުރުގާ މޮޑެލް އެ ކެމްޕޭނުން ވަކިވެއްޖެ

އިނގިރޭސި ވިލާތުގެ ބްލޮގަރެއް ކަމުގައިވާ އަމީނާ ޚާން ވަނީ މީގެ ދުވަސްކޮޅެއް ކުރީން ނޫސްތަކުގެ ސުރުޚީ ތަކުން ޖާގަ ހޯދީ ލޯރެއާލް އުފެއްދުމެއްގައި ބަައިވެރިވާ ބުރުގާ އެޅި ފުރަތަމަ މޮޑެލް ގެ ގޮތުގައެވެ. އެހެން ނަމަވެސް އޭނާ މިހާރު ވަނީ މި ކެމްޕޭނުން ވަކިވެފައެވެ.

އަމީނާގެ އިންސްޓެގްރާމުގައި ބުނެފައިވާ ގޮތުގައި އޭނާ 2014 ވަނަ އަހަރު ކޮށްފައިވާ ޓްވީޓްތަކެއްގެ ސަބަބުން ޚިޔާލު ތަފާތު ވުންތަކެއް އުފެދުމުންް އޭނާ މިހާރު ލޯރެއާލް ކެމްޕޭނުން ވަކިވެއްޖެއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާގެ ޓްވީޓްތަކަކީ އިޒްރޭލާ ދެކޮޅު ވިސްނުން ފާޅުކޮށްފައިވާ ޓްވީޓްތަކެކެވެ. ލޯރިއާލް ކެމްޕޭނާ އޭނާާ ގުޅުމުން މި ޓްވީޓްތައް ފެންމަތިވެ އޭނާ ކެމެޕޭނުން ވަކިވީއެވެ.

އަމީނާ ޚާން ވަނީ އޭނާ 2014 ވަނަ އަހަރު ކޮށްފައިވާ ޓްވީޓްތަކާ ގުޅިގެން މާފަށްވެސް އެދިފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ތަފާތު ސިންދަފާތުގެ މީހުންނާ މެދު އޭނާ ތަފާތު ކުރުމެއް ނުގެންގުޅެއެވެ. އަދި އޭނާ އަކީ ސުލްހަ މަސަލަސް ކަމަށް ލޯބި ކުރާ މީހެއް ކަމަށާއި އޭނާ ކުރީން ކޮށްފައިވާ ޓްވީޓްތައް އޭނާގެ މިހާރުގެ ވިސްނުމާ ފުށު އަރާތީ އެ ޓްވީޓްތައް ޑިލީޓް ކޮށްފައިވާ ކަމަށް ވެސް އިންސްޓެގްރާމް ޕޯސްޓުގައި ބުނެފައިވެއެވެ. އަދި އޭނާ ގެ ޓްވީޓްތަކަކީ އެއްބައިވަންތަކަމަށް ބުރޫ އަރާ ފަދަ ޓްވީޓްތަކަކަށް ވާތީ އޭނާ ކެމްޕޭނާ ވަކިވަނީ ކަމަށް އަމީނާ ޚާން ބުނެފައިވެއެވެ.

ލޯރެއާލް ޕެރިސްގެ ތަރުޖަމާނަކު ބީބީސީ ނިއުސް ބީޓަށް ދިން ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ލޯރެއާލް ޕެރިސް މަސައްކަތް ކުރަނީ ކަންކަން ތަހައްމަލުކޮށް އެންމެނަށް ވެސް ދޭންވާ ގަދަރާއި އިހްތިރާމަ ދީގެންނެވެ.  އަދި އަމީނާ ޚާން ކެމްޕޭނާ ވަކިވުމަށް ނިންމި ނިންމުމަށް ތާއީދު ކުރާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.  

އަމީނާ ޚާންގެ ޓްވީޓްތައް ޑިލީޓްކޮށްފައިވީ ނަމަވެސް ޓްވީޓް ތަކުގެ ސްކްރީން ޝޮޓްތައް މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.