ސިޔާސީ މީހުން ޖަލަށް ނުލުމަށް ރައީސް އަރިހު އާދޭސް ކުރިން، ނަތީޖާއަކީ އަޅުގަނޑު އުމުރަށް ޖަލަށްލުން- އަދީބު

ނައިބު ރައީސް ކަމުގައި އަދީބު ހުންނެވިއިރު ރައީސް ޔާމީން އަރިހުގައި، އަދި ދޫނިދޫ ޖަލުން މާލެ ގެނައުމަށް ފަހު އަނބުރައި ދޫނިދޫއަށް އަދީބު ފުލުހުންގެ ބެލުމުގެ ދަށުން ގެންދާ މަންޒަރު

ސިޔާސީ ފަރާތްތައް ޖަލަށް ނުލެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި "އާދޭސް ކުރިން" ކަމަށާއި ރައީސް އަރިހުގައި ކުރެއްވި އާދޭސްތަކުގެ ނަތީޖާއަކީ ޖަލު ޙުކުމެއް އޭނާގެ މައްޗަށްވެސް އައުން ކަމަށް ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މިއަދު ވިދާޅުވެއްޖެއެވެ.

33 އަހަރުގެ ޖަލު ޙުކުމެއް ދޫނިދޫ ޖަލުގައި މިވަގުތުވެސް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ފަރާތްތައް ޖަލަށް ނުލެއްވުމަށް އާދޭސް ދެންނެވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލިބިފައިވާ މެޖޯރިޓީގެ ބޭނުން ރާއްޖެއަށް އިގްތިސޯދީ ޕްރޮޖެކްޓްތައް ގެނައުމަށް އެކަނި ބޭނުން ކުރެއްވުމަށްވެސް ރައީސް އަރިހުގައި އާދޭސް ދެންނެވި ކަމަށް އަދީބު ވިދާޅުވިއެވެ.

"ނަތީޖާއަކަށްވީ އަޅުގަނޑަށްވެސް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އައުމެވެ." ޖޭޕީގެ ލީޑަރ އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް ދައުލަތުގެ ބަޔެއް މުއައްސަސާ ތަކުން އަރައި އެ ރިސޯޓުތަކުން ބަޔެއް ތަކެތި ބާލައި، އަދި ބަޔެއް ރިސޯޓުތަކަށް އެޅި ފިޔަވަޅާމެދު ކަންބޮޑުވުން ފާޅު ކުރެއްވުމަށް މިއަދު އަދީބު ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

އަދީބުގެ ބަޔާނުގައި ވިދާޅުވީ ދިވެހި ދައުލަތަކީ ސިޔާސީ ކަންކަމާއި މަދަނީ ހައްގުތަކަށް އިޙްތިރާމްކުރާ ދައުލަތަކަށް ހެދުމަށް ދިވެހި ހުރިހާ ރައްޔިތުން ބާރު އަޅަން ޖެހިފައިވާ ކަމަށެވެ. އަދި އެންމެ މީހަކަށް ދޭ ގެއްލުމުގެ ސަބަބުން އެތައް ބަޔެއްގެ ކުރިމަގު ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.