ރައީސް އަބްދުﷲ ޔާމީން ފެށުނީއްސުރެ ގެންގުޅުއްވަމުން އައި ސިޔާސަތަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ ވިޔަފާރިއަށް ދަތިކޮށް، ގާސިމް ކޮންޓްރޯލް ކުރައްވައިގެން ގެންގުޅުއްވުން ކަމަށް ރައީސް ޔާމީންގެ ދެވަނަ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.
ދިގު މުއްދަތަކަށް ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން މިހާރު ގެންދަވާ އަދީބު މިފަދައިން ވިދާޅުވީ ގާސިމްގެ ރިސޯޓު ތަކަށް ކަސްޓަމްސް އާއި ފުލުހުންގެ ތަހުގީގު ޓީމުތައް އަރައި ފާސްކޮށް ބަޔެއް މުދާ އެ ރިސޯޓު ތަކުން ބާލަމުން އަންނާތީ ޖަލުގައި ހުންނަވައިގެން މިއަދު ނެރުއްވި ބަޔާނެއްގައެވެ.
އަދީބުގެ ބަޔާނުގައި ވިދާޅުވީ ގާސިމްގެ ރިސޯޓުތަކަށް އަރައި މިހާރު ހިންގަމުން އަންނަނީ އިގްތިސޯދީ ބޮޑު ޖަރީމާއެއް ކަމަށާއި، ގާސިމްގެ މައްޗަށް ޖަލު ޙުކުމެއް އިއްވީވެސް މުޅި ރާއްޖެ ލަދުވެތިވާ ފަދަ ގޮތަކަށް ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރެއްވި އަދީބު ވިދާޅުވީ ގާސިމްގެ ރިސޯޓުތަކަށް ދައުލަތުގެ މުއައްސަސާތަކުގެ ބޭފުޅުން އަރައި ފަތުރުވެރިންގެ ކުރިމަތީގައި ކަންކަން ކުރަމުން އަންނަ ގޮތުން މުޅި ޓޫރިޒަމް އިންޑަސްޓްރީއަށްވެސް އޭގެ ގެއްލުން ދިގު މުއްދަތަކަށް ލިބޭނެ ކަމަށެވެ.
އަދީބު ވިދާޅުވީ ސަރުކާރުން ސިޔާސީ ހުރިހާ މީހުން "ފުނޑުފުނޑުކޮށްލަން" ކަމަށާއި ގައުމުގެ އިގްތިސޯދާއި، އެތަކެއް ރައްޔިތުންގެ ވަޒީފާ ނެތިކޮށްލަންވެސް ފަސްނުޖެހޭ މަންޒަރު މިއަދު ފެންނަމުން އެބަ އަންނަ ކަމަށެވެ. އެގޮތުން މިހާފު ގާސިމްގެ ރިސޯޓު ތަކަށް އަރައި ހިންގާ ކަންކަމުން ގާސިމަށް ލިބޭ ގެއްލުމަށްވުރެ ރާއްޖޭގެ ފަތުރުވެރިކަމުގެ މުޅި ސިނާއަތަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
އަދީބު ވަނީ ސަރުކާރުން ގާސިމްގެ ވިޔަފާރިއަށް ދަތިކުރުމަށް ހިންގަމުން އަންނަ އަމަލުތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ވިދާޅުވީ ގާސިމަކީ ދިވެހި އިގްތިސޯދުގެ މައި އެއްތަނބު ކަމަށާއި އަދި ގާސިމަކީ ދިވެހި ގައުމުގެ ޚާދިމެއް ކަމަށެވެ.