ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ފައިސާ ދޭންޖެހުމަކީ އިގްތިސާދަށް އޮތް ގޮންޖެހުމެއް ކަމަށް އިންޓަރނޭޝަނަލް މައނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ފައިސާ ދޭން ޖެހުމަކީ ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެ ކުންފުނިތަކުގެ ދަރަނި ދައްކައިދޭން ސަރުކާރަށް ޖެހުމަކީ ވެސް ގޮންޖެމެކެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް ވަނީ މިދިޔަ ޖޫން މަހުގެ 21 ން 29 އަށް ރާއްޖެ އައިސްފައެވެ.
އެ ވަފުދުގެ ހޯދުންތަކާއި ދެކޭ ގޮތް ހާމަކޮށް ނެރުނު ބަޔާނުގައި ބުނީ މި އަހަރުގެ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާ ކުރެވެނީ 8.7 ޕަސެންޓުގައި ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ދުވެލި ބާރުވަމުން އައި ނަމަވެސް ބޭރު ފައިސާގެ ރިޒަރވް ދަށަށްދާތީ ދަރަނި ބޮޑުވުމުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑަށް އޮތް ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި ގުޅިގެން ރާއްޖޭގެ އިންފްލޭޝަން ރޭޓް މި އަހަރު 3.1 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދު އިތުރުވާނެ ކަމަށެވެ.