ދިވެހި އަސްކަރިއްޔާއަކީ މިވަގުތު އެންމެ ޒަމާނީ ހަތިޔާރު ހުރި އަސްކަރިއްޔާއެއް ކަމަށާއި ޓެރަރިޒަމަށް ކުރިމަތިލުމަށް އެންމެ ޒަމާނީ އަދި އެންގެ ގާބިލު އެންމެ ރަނގަޅަށް ބޭނުން ކުރެވޭ ފަދަ ހަތިޔާރުތައް މިހާރު ހޯދާފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބުދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހާއި ގުޅޭ ގޮތުން ރާއްޖެޓީވީން ގެނެސްދޭ ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން ޝަމާލް ވިދާޅުވި ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް އައިއީޑީ އާއި މިނޫން ވެސް ނުރައްކާތެރި ތަކެއްޗަށް ރެސްޕޯންޑް ކުރުމަށް ސިފައިންނަށް ތަމްރީނު ދިނުން ފަދަ ކަންކަން ކުރެވިފައިވާނެ ކަމަށެވެ.
މީގެ އިތުރުން ބޭރު ޤައުމުތަކާއި އޮންނަ ގުޅުމަކީ ރާއްޖޭގެ ސަލާމާތާއި ޤައުމީ ދިފާއީ ބާރުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އޮންނަ ގުޅުމެއްކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެ ގުޅުމުގެ ސަބަބުން ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ހުރިހާ ޤައުމުތަކަށް ވެސް އޮންނަ ކްރޮސް ބޯޑަރ ތްރެޓްތަކުން ރައްކާތެރިވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރެވޭކަން ފާހަގަކުރެއްވިއެވެ.
ޓެރަރިޒަމް އާއި ނުރައްކާތެރި ކާރިސާތަކާއި އެކި ކަންކަމަށް އިންޑިއާ ކަނޑުގައި ހުރި ނުރައްކާތަކަށް މަސައްކަތްކުރުމަށް އިންޑިޔާ، ސްރީލަންކާ، ބަނގްލަދޭޝް އަދި މޮރިޝަސްއާއި ގުޅިގެން ރާއްޖޭގެ ދިފާއީ ބާރުން މަސައްކަތް ކުރާ ކަމަށް ވެސް ޝަމާލް މިދާޅުވިއެވެ.
ސިފައިންގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުމަށް ވަސީލަތްތައް ހޯދުމާއި އަދި ރާއްޖޭގެ ޤައުމީ ދިފާއު ބާރުގަދަކޮށް އޮތުމަކީ އެހެން ޤައުމުތަކަށް ވެސް ލިބިދޭ ރައްކާތެރިކަމެއްގެ ގޮތުގައި އެހެން ޤައުމުތަކުން ވެސް ދެކޭ ކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ބޭރު ޤައުމުތަކާއި މެދުގައި އޮންނަ ގުޅުންތަކަކީ އެ ވިސްނުމުގެ ތެރެއިން ދަމަހައްޓާ ގުޅުންތަކެއް ކަމަށް ފާހަގަ ކުރައްވާ ޝަމާލް ވިދާޅުވީ މި ގުޅުންތަކަކީ ރާއްޖޭގެ ސަލާމާތްތެރިކަމާއި ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ބޭރު ޤައުމުތަކާއި އެކު ބާއްވާ ގުޅުންތަކެއް ކަށެވެ.