ރަޝިއާ – ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެހެންގައުމުތަކުގައި ތެލާއި މުދަލުގެ އަގު ބޮޑުވިޔަސް އޭގެ އަސަރު ދިވެހިންނަކަށް ނުކުރޭ: ރައީސުލްޖުމްހޫރިއްޔާ

ރަޝިއާ – ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެހެން ގައުމުތަކުގައި ތެލާއި މުދަލުގެ އަގު ބޮޑުވިޔަސް އޭގެ އަސަރު ދިވެހިންނަކަށް ނުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބާގައި ގައުމާއި މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ "ރަޝިޔާ–ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާ، މުދަލުގެ އަގު، އިންތިހާއަށް
އުފުލިއްޖެ. ނަމަވެސް އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާ ވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރޭ." މިފަދައިންނެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެނައީ އޭގެ ހަޤީޤީ ބުރަ ސަރުކާރުން އުފުލަމުންދާތީ ކަމަށެވެ.

"މިނާޒުކު ދަނޑިވަޅު ރާއްޖޭގެ އިޤުތިޞޯދުގެ ހަމަ ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު. ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތަކަށް އަރާ ބުރުލާ، އަންނަ ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް. ސަރުކާރުން މިދަނީ އެމަސައްކަތް ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ޚިތާބުގައި އިތުރަށް ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ކަމަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން ކަމަށާއި މިގޮތުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ރިކަރަންޓް ޚަރަދުތައް ކުރާ މިންވަރު މަހުން މަހަށް މހިފަހައްޓަމުން އަންނަކަމަށެވެ.

ސީދާ ބަޖެޓުން ކުރިއަށްގެންދަން ކަނޑައަޅާފައިވާ ބައެއް ޕްރޮޖެކްޓްތައް ފެށުން މިވަގުތަށް މަޑުޖައްސާލާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ސިޔާސަތުތަކަށް ބަދަލު ގެންނަކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.